ފިނި މޫސުމެއްގެ ދަންވަރުގެ ހަމަހިމޭންކަމާއެކު ދުނިޔެ މައްޗަށް އައީ އާދަޔާ ޚިލާފު މަޑުމައިތިރި ކަމެކެވެ. އުފާވެރި މާހައުލެކެވެ. ހިތާމަތަކުން ފުރިފައިވާ ހިތްތަކަށް އާރޯކަމާއި އުފާވެރިކަން ލިއްބައިދޭ މަޑުމައިތިރި ހިތްތަކަށް އާރޯކަމާއި އުފާވެރިކަން ލިއްބައިދޭ މަޑުމައިތިރި ވަގުތުކޮޅެކެވެ. ސާދަވިލޭރޭގެ ހަނދު ފަލަކުން ނެއްޓި މެދު އުނޑުން ފިރުކި އޮއްސެން ނުކެރި ލަދުވެތިވެ ލޯބިވެރިންގެ އިތުރު ބައިވެރިޔަކަށް ވެގެންދިޔައެވެ. ވަށައިގެންވާ މާހައުލު އެ ހަނދުގެ ދޯދިތަކުން ދިއްލިފައިވެއެވެ.

ނަދީމާ އާއި ސުޖީތު މައިންބަފައިންގެ ނުރުހުމުގައި އެ ދެ ކުދިންގެ ލޯބީގެ ގުލްޝަނުގައި މާފޮޅުވަމުން ދިޔައެވެ. ރަށު މީހުން ނިދައި މީހުންގެ ފިޔަވަޅު އޮއްބާލުމުން ދަންވަރުގެ ހަމަހިމޭން ވަގުތުގައި އެ ދެކުދިންގެ ސިއްރު ބައްދަލުވުންތައް ކުރިޔަށް ގެންދެއެވެ. ނަދީމާއަކީ ރަށުގެ ކަންވެށިވެގެންވާ އިސްމީހެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ސުޖީތަކީ ވަރަށް ފަޤީރު އާއިލާއަކަށް އުފަން ޔަތީމު ކުއްޖެކެވެ. އެހެންނަމަވެސް ނަދީމާގެ މުއްސަދިކަމަށް ބެލުމެއްނެތި ސުޖީތު ނަދީމާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުނަމުން ދިޔައެވެ. ނަދީމާވެސް ސުޖީތު ފިޔަވައި އެހެން މީހަކާ ދިމާލަށް އެ ނަޒަރުން ނުބަލާނެ ކަމަށް ވައުދުވަމުންދިޔައެވެ.

މައިންބަފައިންގެ ނުރުހުމުގައިވެސް ނަދީމާ ބޭނުންވީ ރާއްޖެއިން ބޭރަށް ގޮސްގެން ނަމަވެސް ސުޖީތު އާ ކައިވެނި ކުރުމަށެވެ. ކައިވެނިކޮށްގެން ރަށަށް އައުމުން އާއިލާ މީހުން އެމީހުންގެ ގުޅުމަށް ރުހުން ދޭނެކަމަށް ނަދީމާ ބުނުމުން ސުޖީތު ވެސް ހުރީ އެގޮތަށް އެއްބަސްވެގެންނެވެ.

މި ދެލޯބިވެރިންގެ ރޭވުމާއި ހިޔާލު ކުރި ގޮތް ވެގެން ދިޔައީ ހިޔަންޏަށް މުޑި ނެގުމަކަށެވެ. ނަދީމާ އޭނަގެ މައިންބަފައިންނަށް ސިއްރުން ފިލައިގެން ސުޖީތު ކައިރިޔަށްދާ މަގު ކުއްލިޔަކަށް ބަންދުވެއްޖެއެވެ. ނަދީމާގެ ބައްޕަ އޭނަ އުޅޭ ނޫޅޭ ގޮތް ބަލައި ފާރަވެރިވަމުން ގޮސް ނަދީމާ ކޮންމެ ރެޔަކު މިކުޅޭ ކުޅިވަރުތައް ލޮލުން ފެނި އަތުން ހިފީއެވެ. އެއް ރެޔަކު ނަދީމާ ސިއްރުން ފިލައިގެން ގެއިން ނުކުމެގެން ދާން އުޅެނިކޮށް އޭނަގެ ބައްޕައަށް މިކަން އެނގިގެން ނަދީމާގެ ބައްޕަ އޭނައަށް ފާރަލަމުން ފަހަތުން ދިޔައެވެ. ސުޖީތު ބޭނުން ވަނީ އާއިލާގެ ރުހުމުގައި ކައިވެނި ކުރާށެވެ. އެހެންކަމުން ނަދީމާއަށް ވިސްނުވައިދީ އެރޭ ގެޔަށް ފޮނުވާލީއެވެ.

ނަދީމާ ގެޔަށް އައިސް ވަނުމުން އޭނަގެ ބައްޕަ ވަރަށް ހުޝިޔާރުވެގެން ހުރެފައި ހަޅޭއްލަވައިގަތެވެ.

"ނަދީމާ! ނަދީމާ ތިކުޅޭ ކުޅިގަނޑު ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. މީގެ ފަހުން ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އަޅާލިޔަސް ފައި ބިންދާލާނަން." މިހެން ބުނެ ނަދީމާގެ އަތުގައި ހިފައި ދަމަމުން ގެންގޮސް ކޮޓަރިޔަށް ވައްދައި ބޭރުން ތަޅުލިއެވެ. އެ ކޮޓަރީގެ ފެން ލައިޓާއި ކުޑަދޮރުތައް ބަންދުކޮށްލިއެވެ.

ނަދީމާގެ މައިންބަފައިން އޭނަ އެހެން މީހަކާ ކައިވެނިކުރުވަން އުޅުމުން ނަދީމާ އެކަމާ ދެކޮޅު ހެދިއެވެ. އަދި ސުޖީތު ނޫން އެހެން މީހަކާ ދުވަހަކުވެސް ނީންނާނެ ކަމަށް ބުނަމުންދިޔައެވެ.

ސުޖީތުއަށް ނޭނގި ނަދީމާ ގޭ ބަންދުވުމުން ވީނުވީއެއް ނޭނގި ސުޖީތުގެ ހިތް ހިތާމައިން ފުރިއްޖެއެވެ. ސުޖީތު ނުފެނުމުން ނަދީމާގެ ހިތް ނުތަނަވަސްވެ ހީވީ ނަދީމާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ހިތް ޒަޚަމްވެއްޖެއެވެ. ސުޖީތުގެ އޯގާތެރި ބަސްތަކާއި ފިރުމުންތަކަށް ހިތް ބޭނުންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއަދު ނަދީމާއަށް އޮތް ގޮތަކީ ސުޖީތުގެ ލޯބިން މަހުރޫމްވެ މައިންބަފައިން ދައްކާ މީހަކާއި އިންނަން ޖެހޭތީ ނަދީމާ ކަރުނަ އަޅައި ރޮމުން ގެންދިޔައެވެ. އެގޮތަށް ބަންދުގައި އިންނަ ކޮންމެ ދުވަހަކީ އެއް އަހަރު ފަދައިން ދިގު ދުވަހެކެވެ. ހިތް ތެޅިފޮޅި ނޭވާކުރުވެ ހާސްވެ އެކޮޓަރީގައި ނަދީމާ އުޅެމުންދިޔައެވެ. ނަދީމާ ހިތާހިތުން ކިޔަމުންދިޔައެވެ.

"ލޯބިވާ މިތުރާގެ ނަމުގާ، ހިތްއޮތީ އަދު މަރުވެފާ

ލޯބި އިޝްޤީ ތީރުތައް ހެރި، މޭ އެކީ ތޮރުފިފާ

ދުނިޔެވީ ހަމަ ބޭވަފާތެރިކަމުގެ ކެކުޅުން ލިބެވި ގޮސް

މުނިއަވަސް ފިލުމެއްނުވާ ސަހަރާއަކަށް ގޮސް ގެއްލިފާ"

ހިތާމައިގެ ކޮޅަށް ހިތާމައެވެ. ނަދީމާގެ އެއްވެސް ހަބަރެއް ނުވެ ވީނުވީއެއް ނޭނގި އާވާރާވެވި އަބަދު ރޮމުން ހިތާމަކުރަމުން ސުޖީތު ދިޔައެވެ. ނަދީމާ ބޭވަފާތެރިވީބާއެވެ. ނުވަތަ މައިންބަފައިންގެ ބަހަށް ހެއްލި ސުޖީތުގެ ލޯތްބާއި ވަކިވީބާއެވެ. ހިތުގައި އެތައް ސުވާލެއް އުފެދި ޖަވާބު ހޯދަމުން ދިޔައެވެ.

ނަދީމާގެ ހާލު މާ ބޮޑެވެ. އޭނަ އުޅޭ ހާލު ސުޖީތަށް އަންގަން ކިތަންމެ ބޭނުންވިޔަސް މިއަދު ކުރާނެ ކަމެއް ނެތެވެ. ސުޖީތުއާ އެކީ ވޭތުކުރި ދުވަސްތަކުގެ މަތިން ހަނދާންކޮށް ރޮމުން ގެންދިޔައެވެ. ސުޖީތުއެވެ. އަހަރެން އުޅޭ ހާލު ދެކިލަން އަންނާށެވެ. އަހަރެން މިއޮތް މަރުވަނީއެވެ. ނިކަން އަޑުއަހާބަލާށެވެ. ދެނެއް ކެތެއް ނުކުރެވޭނެއެވެ. އަތްފައި ފިނިވެއްޖެއެވެ. ދުލުގެ ހަރަކާތް ކުޑަވެއްޖެއެވެ. ސުބުހާނަﷲ. މިއަޅާއަށް ރަހުމު ލައްވާނދެއެވެ. މިއަޅާގެ ލޯބިވެރިޔާ އާއި މިއަޅާ ބައްދަލުކޮށްދެއްވާނދެއެވެ. މާތްﷲގެ ކުޅަދުންވަންތަކަމުން ޖައްވުގައި ލައްވާފައިވާ ގަދަ ވައިރޯޅިއާއެވެ. މިނިކަމެތި ނަދީމާގެ ރުއިމުގެ އަޑު ސުޖީތުގެ ކަންފަތާ ހަމަޔަށް ފޯރުކޮށް ދެއްވާނދެއެވެ. މިފަދައިން ނަދީމާ ދުއާކުރަމުން ގެންދިޔައެވެ.

ނަދީމާގެ ކައިވެނި މުއްސަނދި މީހަކާ ކުރަން އުޅޭކަން ނަދީމާގެ ބައްޕަ ވަނީ އަންގާފައެވެ. ކައިވެނީގެ ކަންތައް ގޭތެރޭގައި ފަށާފައިވާއިރު އެމީހާ އާއި ނަދީމާ ބައްދަލެއްވެސް ނުވެއެވެ. އެއީ ކާކު ކަމެއްވެސް ނޭނގެއެވެ. ކޮންމެވެސް ގޮތަކުން ސުޖީތުއަށް މިހަބަރު ލިބިއްޖެއެވެ. އެހެންކަމުން ނަދީމާގެ ގެޔާ ދިމާލަށް މިސްރާބު ޖަހާލިއެވެ. އެގެޔާ ކައިރިވެލާފާ ބަލާލިއިރު ނަދީމާގެ ބައްޕަ ގޭގައި އުޅުނެވެ. އެހެންކަމުން ވަރަށް ސިއްރުން ގޭތެރެޔަށް ނަޒަރު ހިންގާލިއެވެ. ނަދީމާގެ ހަބަރެއްވޭތޯއެވެ. އެތައް އިރެއްވީ އިރުވެސް ނަދީމާގެ ހަބަރެއް ނުވިއެވެ. އެހެންކަމުން މާޔޫސްވެފައި އެނބުރި ދާން ހިނގައިގަތް ތަނާ ނަދީމާގެ މަންމަ އާއި ބައްޕަ ތަބަކަށް ކާއެއްޗެހި ލައިގެން ގެންދާތަން ފެނުނެވެ. ސުޖީތު ބަލާލިއެވެ. ކާއެއްޗެހި ވައްދަމުން ގޮވާލިއަޑު އިވުނެވެ.

"ނަދީމާ! ކާން ތެދުވޭ!"

"އަހަރެން ނޫޅެން ކާކަށް. ނުކާނަން. ތި ކާއެއްޗެހި ގެނައިތަނަކަށް ގެންދޭ!" އެތަކެއް ދުވަސް ފަހުން ނަދީމާގެ އަޑުއިވުމުން ސުޖީތުގެ ހިތަށް ފިނިކަމެއް ލިބުނެވެ. އަދި އެހާމެ ދެރަވެސްވިއެވެ. އޭނަ ނަދީމާ އާއި ދޭތެރޭ ވިސްނީ ވަރަށް ގޯސްކޮށްނެވެ. ނަދީމާ ގޭ ބަންދުކޮށްގެން ގެންގުޅޭކަން އެނގުނީ އަދި ކިރިޔާއެވެ. ދެން ސުޖީތު ވިސްނީ ނަދީމާ އާއި ބައްދަލުކުރެވޭނެ ގޮތަކާމެދުއެވެ.

ކަންދިމާކުރި ގޮތުން ކާއެއްޗެހި ވައްދާފައި ކޮޓަރީގެ ތަޅުލުމަށްފަހު ތަޅުދަނޑި ސިޓިންގރޫމް މޭޒުމަތީ ބާއްވާފައި ނަދީމާގެ މަންމަ އާއި ބައްޕަ ދިޔައީ ބޭރަށެވެ. ނަދީމާގެ ކޮއްކޮ ފައިސަލް ކައިރީ ގޭގައި މަޑުކުރަން ބުނެފަ ނަދީމާގެ ބައްޕަ އާއި މަންމަ ނުކުމެގެން ދިޔުމުން ސުޖީތު ވަރަށް ސިއްރުން އެގެޔަށް ވަނެވެ.

ނަދީމާގެ ކޮއްކޮ ފައިސަލް އިނީ ޓީވީން ކާޓޫނު ބަލާށެވެ. އެހެންކަމުން ގޭތެރޭ މީހަކު އުޅޭކަމުގެ ހިލަމެއް އޭނައަށް ނުވެއެވެ. ސުޖީތު ވަރަށް ސިއްރުން ތަޅުދަނޑި ނަގައިގެން ގޮސް ނަދީމާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެޔަށް ދެމިގަތެވެ. އަނެއްކާވެސް ބައްޕަ އައީ ކަމަށް ހީކޮށް ނަދީމާ ބަލާލިއެވެ.

ލޯބިވާ ސުޖީތު ފެނުމުން ދުވެފައި އައިސް އޭނަ ގައިގައި ބައްދައިގަތެވެ.

"ސުޖީތު! އަހަރެން މިތަނުން ގެންދޭ. އަހަންނަކަށް ދެން ކެތެއް ނުވާނެ." ނަދީމާ ބުނެލިއެވެ.

ސުޖީތު ނަދީމާ ގޮވައިގެން ސިއްރުން ނުކުތެވެ. އެންމެ އަވަހަށް ރަށުން ފުރަން އޮތް ލޯންޗަކުން ނަދީމާ ގޮވައިގެން ދިޔައީއެވެ.

ނަދީމާގެ ބައްޕަމެން ގެޔަށް އައިއިރު ނަދީމާ ފިލައިފިއެވެ.

ސުޖީތު އާއި ނަދީމާ އެހެން ރަށަކަށް ގޮސް ކައިވެނިކުރަންވެގެން ވަލީ ހޯދަންވެގެން ނަދީމާގެ ބައްޕައަށް ކޯޓުން ގުޅުމުން ނަދީމާގެ ބައްޕަ ބުނީ ނަދީމާ ކައިވެނިކުރަން އުޅެނީ ނަދީމާ އާއި އެއްފެންވަރެއްގެ މީހަކަށް ނުވާތީ އެދެމީހުން ކައިވެނިކުރުމަށް ތިމަންނަ ވަލީއެއް ނުދޭނަމެވެ. ދެވަނަ ފަހަރަށް ގާޒީ ވަލީ ދިނުމަށް އެދުމުންވެސް ވަލީނުދިނެވެ. ތިންވަނަ ފަހަރަށްވެސް ނަސޭހަތްދިނުމުންވެސް ވަލީ ނުދިނުމުން ގާޒީ ބުނީ އެހެންވިއްޔާ އަޑުއަހާށެވެ. މިހެން ބުނެ ނަދީމާ އާއި ސުޖީތުގެ ކައިވެނިކޮށްދީފިއެވެ.

މިއަދު ސުޖީތު އާއި ނަދީމާ ތިބީ ވަރަށް އުފަލުންނެވެ. އެދެލޯބިވެރިންގެ ހިތްވަރަށް ހަމަ ސާބަހެވެ. ހިތްވަރުކޮށްފިއެވެ. މިއަދު އެދެމީހުން އުފަލުން ފޮޅެނީއެވެ.

"އާ ކައިވެނީގެ އުފަލުގައި ހާސްކަން ފިލައިދިޔައިމާ

މާޒީ ހިތުން ފިލައިގެން އާރޯކަމެއް މިއައިމާ

ކޮންފަދަވި އަނިޔާތޯ މިލޯތްބަށް ކުރިން އެދެއްވީ

ކޮށްގެންނުވާނޭ ކަންތައް ކުރުމުން ދިވާނާ އެވީ

ގޮތްހުސްވެގެން ދިޔައިމާ ހިތްމަރުވެފާވުމުން ދެން

ކޮންފަދަ ނަސީބެއްހޭ މިއަދަށް މިލިބުނީމާ"

ކައިވެންޏަށްފަހު ސުޖީތު ނަދީމާ ގޮވައިގެން ރަށަށް ދިޔައެވެ. ސުޖީތު ފެނުމުން އޭނަގެ މަންމަ އުފަލުން ގޮސް ރޮވުނެވެ. އަދި ބުންޏެވެ.

"ދަރިފުޅާ! އަހަރެމެންނަކީ ފަޤީރުން. މި ޖިފުޓިގަނޑުގައި ކިހިނެއް ނަދީމާ ގެންގުޅޭނީ."

މަންމަ މިހެން ބުނުމުން ސުޖީތު ގަލަމަކާއި ކަރުދާސްކޮޅެއް ނަގާ އޭގައި ލިޔުނެވެ. ފުރަތަމަ ކަރުދާސްކޮޅުގައި ލިޔުނީ ބުއްދީގެ ކުރިޔަށް ރުޅި އިސްނުކުރާށެވެ. ދެވަނަ ކަރުދާސްކޮޅުގައި ލިޔުނީ ސިކުނޑީގެ ބޭނުން ކުރާށެވެ. އަދި ތިންވަނަ ކަރުދާސްކޮޅުގައި ލިޔުނީ ކޮންމެ ކަމެއްގައިވެސް ދެކޮޅު ނުބަލާ އެކަމެއް ނުކުރާށެވެ.

މިގޮތަށް ލިޔެ ތިން ކަރުދާސްކޮޅު ސިޓީ އުރަޔަކަށްލާފައި ސުޖީތު މަންމައަތަށް ދިނެވެ.

" މަންމާ. މިތިން ސިޓީ އުރަ ބާޒާރަށް ގޮސް -/500 އަށް ސިޓީ އުރައެއް ވިއްކާލާ" ސުޖީތު ބުނެލިއެވެ.

ބާޒާރަށް ދިޔުމުން ސިޓީއުރައެއް އެއަގުގައި ގަންނާނެ މީހަކު ނުވިއެވެ. އެހެންނަމަވެސް މިއަޑު ވިޔަފާރިވެރިޔަށް އަޑުއިވިގެން އެމީހާ ހިތަށްއެރިއެވެ. ސިޓީއުރައެއް އެހާ އަގުބޮޑުކޮށް އެވިއްކަނީ އޭގައި ކޮންމެވެސް އަގުހުރި އެއްޗެއް އޮތީމައެވެ. އެހެންހިތާ އެމީހާ އެ ތިން ސިޓީ އުރަ ގަތީއެވެ. އަދި އޭގައިވާ ލިޔުންކޮޅުތައް ކިޔާލިއެވެ. އެމީހާ ހިނިތުންވެލާފައި އެސިޓީއުރަ ނަގާ ޖީބަށްލިއެވެ. އަދި ސުޖީތުގެ މަންމަ ގެނެސް އިތުރު ފައިސާވެސް ދިނެވެ.

އެފައިސާއިން އެދެކުދިންގެ ދިރިއުޅުން އާރާސްތުކުރަން މަސައްކަތެއް ފެށިއެވެ. ނަދީމާއަކީ ކިޔަވައިގެން ހުރި މީހަކަށްވުމުން ސްކޫލުން ޓީޗަރެއްގެ ވަޒީފާ އޭނަށް ލިބުނެވެ. ސުޖީތު މަހަށް ގޮސްގެން ހަފްތާއެއްގެ މައްޗަށް ދިހަ ހާހުން އާމްދަނީ ލިބެން ފެށުމުން އެދެމީހުންގެ ދިރިއުޅުން މަޑުން ތަނަވަސްވާންފެށިއެވެ. އަދި ދިރިއުޅެމުންދިޔަ ޖިފުޓިގަނޑު 3 ފަންގިފިލާގެ ބޮޑު ގެއެއް އެޅިއެވެ. ނަދީމާ މިހާރު އުޅެނީ ވަރަށް އުފަލުގައި ވަރަށް ތަނަވަސްކޮށްނެވެ.

ކައިވެންޏަށް އަހަރުފުރިގެން ދިޔައިރު ނަދީމާ ބަނޑުބޮޑުވެ ވިހަން ކައިރިވެއްޖެއެވެ.

ނަދީމާގެ މަންމަ އާއި ބައްޕަ ނަދީމާ އުޅޭ ހާލެއްވެސް ބަލާނުލައެވެ. އެކަމާ ނަދީމާ އާއި ސުޖީތުވެސް ވަރަށް ދެރަވިއެވެ. ދަރިފުޅު ވިހައިގެން ހޮސްޕިޓަލުގައި އޮތްވާ ނަދީމާގެ މަންމަ އާއި ބައްޕަ އައިސް ސުޖީތު ކައިރިން މާފަށް އެދުނެވެ. އަދި ކާފަ ދަރިފުޅު ދައްކާލުމަށް އެދުނެވެ. ކޮންމެ ގޮތެއް ވިޔަސް ނަދީމާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށްވުމުން އެދެމަފިރިންވެސް އޭނަ ދެކެ ލޯބިއެވެ. އެހެންނަމަވެސް ސުޖީތަކީ އެމީހުންނާއި އެއް ފެންވަރެއްގެ މީހަކަށް ނުވުމުން އެ ގުޅުމަށް ނުރުހުނީއެވެ.

މިއަދު ސުޖީތަކީ އެރަށުގައި ތިބޭ ތަނަވަސް މީހުންގެ ތެރެއިން އެކަކެވެ.

(ނިމުނީ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރަށް ހީވޭ ހަގީގީ އިސްޓޯރީއެއްހެން.

    6
    1
  2. ާަފަރޭ

    މަގޭ ވާހަކަ ކިޔާދިން ގޮޡައް ️️️️️️�����