"މަލް. ކިހިނެއްވީ މިތާނގަ؟" ހޮސްޕިޓަލް ތެރެއިން މަލް ފެނިގެން ފިރާ އަހާލިއެވެ.

"ފިރާ މިތާ ކީއްކުރަނީ."

"ބޮޑުދައިތަގެ ދަރިފުޅު އެކްސިޑެންޓެއް ވެގެން ހޮސްޕިޓަލަށް ގެނައި ވާހަކަ އަޑުއިވިގެން މިއައީ." ފިރާ މިހެން ބުނުމުން ނިޝް އޭނަގެ މޫނަށް ބަލާލިއެވެ.

އަނެއްކާ ނިޝްގެ ކާރުގައި ޖެހުނީ އޭނަ އެބުނާ މީހަކު ހެއްޔެވެ؟ އެހެންވެއްޖިއްޔާ ފިރާ ވަރަށް ރުޅިއަންނާނެއެވެ.

"އެއީ އަންހެނަކާ ކުޑަކުއްޖެއްތަ؟" މަލް އަހާލިއެވެ.

އާއެކޭ ބުނުމަށްފަހު ފިރާ އެމަޖެންސީއާ ދިމާލަށް ހިނގައިގަތެވެ. ނިޝްއާ މަލް ވާހަކަ ދައްކަން ތިއްބާ އިރުކޮޅަކުން ފިރާ އެތަނަށް އައެވެ. އޭނަ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

"ބަލާބަ ހުންނަ ނުބައިކަން. ބަލާނުލައި ދުއްވި ދުއްވީނުން މަގޭ ދައްތަގެ ދުވަސް ނުދިޔައީ ކިރިޔާ. ކަލެޔާ ދެކޮޅަށް އަހަރެން މައްސަލަ ޖައްސާނަން." ފިރާ ރުޅިގަދަވެގެ ނިޝްއާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ ވާހަކަދެއްކިއެވެ. ނިޝް އެއްވެސް އެއްޗެއް ނުބުނެއެވެ.

"އެއީ ނިޝް ކުރި ކަމެއް ނޫން، އެ ދައްތަ ކުއްލިއަކަށް ސައިކަލް މަޑުކުރީމަ ކާރު ގޮސް ޖެހުނީ." މަލް ބުނެލިއެވެ.

"އޯހް! އެހެންވީމަ ކަމަނާވެސް މީނާއާ އެކު ދިޔައީ ދޯ ދުއްވާލަން." ފިރާ ބުނެލިއެވެ.

"އާ ދިޔައިން." މަލް އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ. ފިރާ ހުރީ ހައިރާންވެފައެވެ. އެހާ ކިޔަމަންތެރިކޮށް ކުރިން ވާހަކަދައްކާ މަލް މިއަދު ހަރުކަށި އިބާރާތުން އޭނައާ މުހާތަބު ކުރުމުން ފިރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

މަލް ނިޝްގެ އަތުގައި ހިފައިގެން ހޮސްޕިޓަލުން ބޭރަށް ނުކުމެ ކާރަށް އެރިއެވެ.

"ހާދަ ގަދަކޮށްލައިފިއޭ ދޯ." ނިޝް ބުނެލިއެވެ. މަލް ހީލަމުން ނިޝްގެ އަތުގައި ހިފާލިއެވެ.

"ތީ އަހަރެންގެ ހިތްވަރަކީ."

އާދައިގެ މަތިން ދުވަހެކެވެ. މަލް އާއި އޭނަގެ މަންމަ ވާހަކަ ދައްކަން ތިއްބާ ކުއްލިއަކަށް މަންމައަށް ފޯނެއް އައިސްގެން ތެދުވެގެން ދިޔައީއެވެ.

މަލް ނިޝްއަށް މެސެޖުކުރަން ފެށިއެވެ. ކިތަންމެ ވަރަކަށް ލޯބިވާ ވާހަކަ ބުނަން ބޭނުން ވިޔަސް އެހެން ބުނަން ނުކެރެނީއެވެ. އެއްފަހަރު ބުނިތަނުން އެކްސިޑެންޓެއް ހިނގާ ދިޔުމުން ނިޝްއަށް ވާނުވާ ނޭނގެއެވެ. އަނެއްކާވެސް ވާ ލޯބި ބަޔާން ކުރަން ހިތް ބޭނުންވެއެވެ. ނަމަވެސް ހިތާ ސިކުނޑި ކުރާ ހަނގުރާމައަކުން ނިމުމަކާ ހަމަޔަށް އަދި ނާދެވެއެވެ.

"އަހަރެން ލޯބިވާ ވާހަކަ ބުނުމުން ނިޝް ރިއެކްޓް ނުކުރީ ކީއްވެބާ!، އޭނައަށް އަޑު އިވުނުބާ! ނޫން އަޑުއިވުނު އެކަމަކު އެހާ މުހިންމު ނޫން ވީމަ އަޅާނުލީ. ނޫން އެހެން ނުވާނެ. ނިޝް އަހަރެން އިގްނޯ ނުކުރާނެ." މިކަހަލަ ހިޔާލުތަކުގައި އިންދާ މަލްގެ މަންމަ ގޮވާލިއެވެ.

"ދަރިފުޅުގެ ކިޔެވުން ކިހިނެއް ދަނީ މިހާރު. މަންމަ އެބައޮތް ވާހަކައެއް ދައްކާލަން ޖެހޭ. ދެންމެ ދަރިފުޅުގެ ބައްޕަ ގުޅި."

މަންމަ މިހެން ބުނުމުން އެ ބުނަން އުޅުނު ވާހަކަ މަލްއަށް އެނގުނު ކަހަލައެވެ.

"ކިޔެވުން ރަނގަޅަށް ދަނީ. އަންނަ ހަފްތާގައި ޓެސްޓު އެބައޮތް." މަލް ބުނެލިއެވެ.

"ދަރިފުޅުގެ ބައްޕަ ބުނީ ޓެސްޓު ނިމުމާއެކު ފިރާ އާއި ދަރިފުޅުގެ ކައިވެނީގެ ކަންތައް ނިންމާލަން." މަންމަ މިހެން ބުނުމުން މަލްގެ ހިތަށް ސުނާމީއެއް އައި ކަހަލައެވެ. މުޅި ދުނިޔެ ބަނަވެއްޖެއެވެ. ކަނޑުގެ ރާޅުތަކުގެ ދަށުވެ މީހާ ނޭވާ ނުލެވި މަރަށް ތެޅޭ ކަހަލަ އިހުސާސެއްވިއެވެ.

"ކީއްވެ އެހާ އަވަހަށް ކައިވެނި." މަލް އަހާލިއެވެ.

"ބައްޕަ ބުނީ ފިރާ ބޭނުންވަނީ އޯ އަވަހަށް ކައިވެނިކުރަން. އެހެންވެ."

"ދެން އަހަރެންގެ އެއްވެސް ހިޔާލެއް ހޯދުމެއް ހަމަ ނެތީތޯ. މަންމާ! އަހަރެން އަދި އެހާ އަވަހަށް މީހަކާ އިންނަން ބޭނުމެއް ނޫން.!" މަލް ވަރަށް ދެރަވެފަ ވާހަކަ ދެއްކިއެވެ.

"ދަރިފުޅާ! މަންމަ ބަލާނަން ކައިވެނި ލަސްކުރެވޭތޯ، އެކަމަކު ދަރިފުޅުގެ ބައްޕަގެ ގޮތްވެސް އެނގެއެއްނު ދޯ. ކުރަން ހިފައިފި ކަމެއް ހަމަ ކޮށްފަ ނޫނީ ދޫކޮށެއް ނުލާނެ."

ކޮންމެ ގޮތެއްވިޔަސް މަލްއަށް މި ލިބުނީ ވަރަށް ބޮޑު ހިތާމައެކެވެ. ލޯބިވާ މީހާއާ ކިތަންމެ ކައިރީގައި އުޅުނަސް އެ ލޯބި ފާޅުކުރަން ނުކެރެއެވެ. ދިރިއުޅުން ވޭތުކުރަން މިޖެހުނީ ލޯބިނުވާ މީހަކާއެކުގައެވެ. ކައިވެނީގެ ވާހަކަ ނިޝް ކައިރީގައި ނުބުނަން މަލް ނިންމިއެވެ.

މަލް އާއި ނިޝް ދުވަސްތައް ހޭދަކުރަމުން ދަނީ ވަރަށް އުފަލުގައެވެ. މަލް އާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ނިޝްއަށް ވަރަށް މުހިންމު ވަގުތެކެވެ. އެހެންކަމުން އޭނާ ހުންނަނީ ވަރަށް އުފަލުންނެވެ. ކޮފީތަކަށާއި އެކުގައި ބުރުޖަހަން އަދި ހިނގާލަން ދެއެވެ.

އެއްދުވަހު ހިނގާލަން ދަމުން ނިޝް މަލްއާ ސުވާލުކޮށްލިއެވެ.

"މިހާރަކަށް އައިސް މިލާ މޯޅިވެފަ ހުންނަކަން ފާހަނގަކުރެވޭ. ކަމެއް ގޯސްވީތަ؟ ކޮބާ އެއްކަލަ ފިރާ!"

މަލް އެއްވެސް ޖަވާބެއް ނުދިނެވެ.

"މަލް! އަހަރެން ވަރަށް ގިނަ ދުވަސްވެއްޖެ މި ސުވާލު ކުރަން ހުންނަތާ. މަލް އަބަދު ކަމަކާ ވިސްނާކަން، ދެރަވެފަ ހުންނަކަން އަހަންނަށް ފާހަގަކުރެވޭ. ކިހިނެއްވީތަ؟" އަނެއްކާވެސް މަލް އަހާލިއެވެ.

މަލް ގޮސް މަޑުކޮށްލީ ޕާކުކޮށްފަ ހުރި ސައިކަލެއްގެ ކައިރިޔަށެވެ. އަދި ނިޝްގެ ސުވާލަށް ދޭނެ ޖަވާބަކާ މެދު ވިސްނާލިއެވެ.

"ނިޝް ކައިރީ ހުރިހާ އެއްޗެއް ކިޔައިދޭންވީބާ!." މަލް ހިތާހިތުން ކިޔާލިއެވެ.

"މަލް."

މަލްގެ ލޮލުން އައި ކަރުނަ ފެނިފައި ކަމެއް ގޯސްވެގެން އުޅޭކަން ނިޝްއަށް ޔަޤީންވިއެވެ.

"އޯކޭ. ޖަވާބު ދޭން ބޭނުން ނޫނިއްޔާ އޯކޭއޭ ޖަވާބު ނުދިނަސް. އެކަމަކު ނުރޮއެ ހުއްޓާލާ." ނިޝް ގޮސް މަލްގެ ގައިގައި ބައްދައިގަތެވެ. އެވަގުތު މަލް އޭނަ ދުރަށްލިއެވެ.

"ސާބަސް. މަގުމައްޗޭ." މަލް ބުނެލިއެވެ.

"މަގުމައްޗަކަސް އަހަރެންގެ މިނިވަންކަން ދޯ." ނިޝް ބުނެލިއެވެ.

"އަހަރެންގެ ކައިވެނި އަވަސްކޮށްފި." މަލް މިހެން ބުނުމުން ހެވިފަ ހުރި ނިޝްގެ ހިނިތުންވުންގެއްލުނެވެ. އެ ބަސްތަކުން ހިތް ޒަޚަމްވި ކަހަލައެވެ. ބަސްހުއްޓި ދެން ބުނާނެ އެއްޗެއް ކުރާނެ ސުވާލެއް ނޭގުނެވެ.

ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު މަލް ވާހަކަ ދެއްކިއެވެ.

"ބައްޕަ ބޭނުންވަނީ އަހަރެންގެ އެގްޒާމް ނިމުމުން ކައިވެނި ކުރުވަން."

"ދެން ކީކޭ މަލް ބުނީ."

"އަހަރެން ކީކޭ ބުނާނީ. ބައްޕަގެ ނިންމުމާ ދެކޮޅު ހަދާކަށް އަހަންނަށް ލާހިކެއް ނޫން."

މަލްއާ ފުރަގަސްދީގެން ހުރި ނިޝްއަށް ރޮވުނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބުނު ބަތޫތާ ބިން ޒީޔަޒަނ

    ރީތި ހިތްގާމު ވާހަކައެ އެހެންނަމަވެސް ހިޔާލާ ބައްޓަންކުރުން ކަމަކުނުދޭ މީހުން
    ގެ ހިތައް އަސަރުކުރުވާފަދަ ގޮތަކަށް ވާހަކަ ގެންނަން މަސައްކަތް ކުރައްވާ

    1
    1