ތަޅުންގަނޑުމަތީގައި ދެމެމުން މަލް ކޮޓަރީގެ ދޮރާ ހަމައަށް ދިޔައެވެ. ދޮރުގައި މަލް ވެސް ތަޅަމުންދިޔައެވެ. އެ އަޑު ނިޝްއަށް ނީވެއެވެ. އެހެންކަމުން މާޔޫސްކަމުގައި ދިޔައީއެވެ.

ދޮރުގައި ތަޅަ ތަޅާފައި އެއްވެސް މީހެއްގެ ހަބަރެއް ނުވުމުން މަލް ވަރުބަލިވެގެން ތަޅުންގަނޑުމަތީ އޮށޯތެވެ. ކުއްލިއަކަށް މީހަކު ދޮރުގެ ތަޅު ހުޅުވާލި އަޑު އިވުނެވެ. މަލްގެ ހިތް ބުނީ އޭނަ ސަލާމަތް ކުރަން ނިޝް އައީ ކަމަށެވެ. އެހެންވެ އަވަހަށް ދޮރުގައި ތަޅައިގަތެވެ.

"ނިޝް. އަހަރެން ސަލާމަތްކޮށްދީ."

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާފައި ފިރާ ވަނުމުން މަލް ބިރުން ފަހަތަށް ޖެހިގަތެވެ.

"ނިޝް އޭ. ކަލޭ ހީކުރީ ކަލޭ ސަލާމަތް ކުރަން މިތަނަށް މީހަކަށް ވަދެވޭނެ ކަމަށްތަ؟" މިހެން ބުނެ މަލް ތަޅުންގަނޑުމަތީ އިންދާ ފުޓުބޯޅައެއް ޖަހާ މިސާލުން މަލްގެ ބުރަކަށީގައި އޭނަގެ ފައިން ޖެހިއެވެ.

"އަތްދިއްޔޯއި.!" ތަދުވި ވަރުން މަލް ތަޅުންގަނޑު މައްޗަށް ދެމުނެވެ.

ފިރާ ރުޅިގަދަވެފަ ހުރި ވަރުން މަލްގެ ގައިގައި ފައިން ތަޅާ އަނިޔާ ކުރަމުން ދިޔައެވެ.

"މި ވަރުކުރާއިރު ވެސް މާފަށް އެދި ރަނގަޅުވާކަށް ނުވިސްނައޭ. އަހަރެންގެ ފޯނު ވަގަށް ނަގައިގެން އޭނައަށް ގުޅުމުން ކަލޭ ސަލަމަތްކުރަން އޭނަ އަންނާނެ ކަމަށް ދޯ ހީކުރީ. ހެހެ. ރަނގަޅަށް ތި ހީވީ. އޭނަ އައި އެކަމަކު އޭނައަށް ދެން މަލްއެއް ނުފެންނާނެ." މިހެން ބުނެ މަލްގެ އިސްތަށިގަނޑުގައި ހިފާ މޫނު ތަޅުންގަނޑާއެކު ޖަހާލިއެވެ. ފިރާ ނުކުމެގެން ދަމުންވެސް މަލްގެ އަތަށް ފައިން އަރާ ފިއްތާލިއެވެ. އެހެންނަމަވެސް މިފަހަރު މަލްގެ ފަރާތުން އެއްވެސް ހަރަކާތެއް ނައެވެ.

މުޅި ދުވަސް ނިމިގެން ދިޔައިރުވެސް މަލްގެ ހަބަރެއް ނުވެގެން އެންމެ ފަހުން ނިޝް މަލްގެ މަންމަގެ ނަންބަރު ހޯދިއެވެ. އެމީހުންވެސް މަލްއަށް ނުގުޅިގެން ތިބީ ކަންބޮޑުވެފައެވެ. ދުވާލަކު މަދުވެގެން އެއްފަހަރު މަންމައަށް ގުޅާފައި މަލްގެ ހިތުގެ ޝުއޫރުތައް ހިއްސާކުރެއެވެ. އެހެންނަމަވެސް ހަތަރު ދުވަސް މަލްގެ ހަބަރެއް ނުވާތީ އޭނަގެ ބައްޕަވެސް އެކަމާ ހާސްވެގެން ފިރާއަށް ގުޅުމުން އޭނަ ފޯނެއް ނުނަގައެވެ. އެހެންކަމުން އެމީހުންގެ ފަރާތުންވެސް ނިޝްއަށް މަލްގެ ހަބަރެއް ނުލިބުނީއެވެ.

މިހާރަކަށް އައިސް ނިޝްގެ ކަމަކީ މަލް ފެނޭތޯ މާލެތެރޭގައި ދުއްވުމެވެ. ކޮލެޖު ކަޓުވާލާފައި މަލް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާތާ މިހާރު ހަ ދުވަސްވީއެވެ.

އަދިވެސް އެއްފަހަރު މަލްގެ މަންމަ ކައިރިން އަހާނަމޭ ހިތާ ނިޝް މަލްގެ މަންމައަށް ގުޅާލިއެވެ.

"މަލްގެ މަންމަތަ؟" ނިޝް އަހާލިއެވެ.

"އާ. ކިހިނެއްވީ؟"

"މަލްގެ ހަބަރެއްވި ތަ؟"

"ތިކަމާ މަލްގެ ބައްޕަވެސް އެ ހުންނަނީ ބޯ ގޮވާފަ. އެ ދެކުދިންގެވެސް ހަބަރެއް ނުވޭ. އެހެންވެ މާދަން މާލެ ދާން މިއުޅެނީ. ދަރިފުޅު ތީ މަލްގެ ރައްޓެހި ދާނިޝް ދޯ!" މަލްގެ މަންމަ އަހާލިއެވެ.

"އާ. މަންމަމެން މިކޮޅަށް އައިސް ގުޅާލައްޗޭ. އަހަރެން ދާނަން ކާރުގަ ބަލާ."

"އާ ގުޅާނަން."

މަލްގެ ބައްޕަ ނިޝް ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް އޭނަގެ ކާރުގެ ކުރީ ޝީޓަށް އަރާ އިށީނެވެ. ނިޝްއަށް ވާހަކަ ދައްކަން ނުކެރިފަ ހުއްޓާ ނިޝްގެ ބައްޕަ ވާހަކަ ދައްކަން ފެށިއެވެ.

"އެންމެ ފަހުން މަލް އާ ދިމާވީ ކޮން ދުވަހަކު؟"

"މީގެ 7 ދުވަސް ކުރިން. ކޮލެޖުން ނިންމާފަ ގެޔަށް ލާން ދިޔައިން." ނިޝް ދޮގެއް ހަދާލިއެވެ.

"އޭގެ ފަހުން ކޮލެޖަށްވެސް ނުދަނީ." ބައްޕަ ބުނެލިއެވެ.

ނިޝް ބޯ ޖަހާލުމުން މަލްގެ މަންމަ އަނެއްކާވެސް ފިރާއަށް ގުޅާލިއެވެ. އެހެންނަމަވެސް އޭނަ ފޯނެއް ނުނަގައެވެ.

"ބައްޕަމެންނާއެކު އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟ އަހަރެންވެސް ވަރަށް ކަންބޮޑުވޭ މަލްގެ ހަބަރެއް ނުވާތީ." ކާރު އެގެޔަށް މަޑުކޮށްލަމުން ވަރަށް ޖެހިލުންވެ ހުރެ ނިޝް އަހާލިއެވެ.

ބައްޕަ އާއެކޭ ބުނުމުން ނިޝް އުފަލުން ކާރުން ފައިބައިގެން އެމީހުން ފަހަތުން ދިޔައެވެ. ދޮރުގައި ޓަކި ޖަހާތާ އިރުކޮޅެއް ފަހުން ފިރާ ދޮރު ހުޅުވާލިއެވެ. އެއާއެކު ފިރާގެ ދެލޯ ބޮޑުވިއެވެ. ދޮރު ހުޅުވާލުމާއެކު އެމީހުން އެތެރެޔަށް ވަންނަން އައުމުން ފިރާ ނިޝްއަށް ހުރަސް އެޅިއެވެ.

"އޭނަ ވައްދާ. އަހަރެމެންނާއެކީ އޭނަ އައީ." ބައްޕަ މިހެން ބުނުމުން ފިރާ ހުރީ ހައިރާންވެފައެވެ.

"ކޮބާ މަލް." މަންމަ އަހާލިއެވެ.

"މަލް..." ފިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"ކީއްވެ ގުޅީމަ ފޯނު ނުނަގަނީ. މަލްގެ ހަބަރެއް ނުވާތާ މިހާރު ހަފްތާއެއް މިވަނީ. ކަމެއްވީތަ އަނެއްކާ." ބައްޕަ އަހާލިއެވެ.

"މަލް އެބަހުރި ކޮޓަރީގައި."

"އަޅެ ގޮވާލަބަ." މަންމަ ބުނެލިއެވެ.

ފިރާ ނިޝްއަށް ކަޅި އަޅަމުން ގޮސް ކޮޓަރިއަށް ވަނެވެ. މަލް އޮތީ ތަޅުންގަނޑު މަތީގައެވެ. ތެދުވާނެ ހިތްވަރެއްވެސް ނެތެވެ.

"ކަލޭ މަންމަ އާ ބައްޕަ އެބަހުރި އައިސް. ނަމަނަމަ އަހަރެންގެ ވާހަކަ ނުދައްކާތި." ފިރާ މަލް ނަގާ ކޮޅަށް ޖަހާލިއެވެ. އަދި ފާހާނައަށް ވައްދާ މޫނު ދޮއްވާފަ ހެދުން ބަދަލުކޮށް ބުރުގާ އަޅުވާފަ ބޭރަށް ނެރުނެވެ.

މަލް ހުރި ހާލު ފެނިފައި ނިޝްއަށް ރޮވުނެވެ. މަލްއަށްވެސް ފުރަތަމަ ބަލާލެވުނީ ނިޝްއަށެވެ.

"ފައިނަލީ. އަހަރެން ސަލާމަތް ކުރަން ނިޝް އައީ ދޯ." ހިތާ ހިތުން ބުނެލިއެވެ. އަދި ނިޝްއަށް ބަލާފައި ހިނިތުންވެލިއެވެ.

"ދަރިފުޅާ!" މަންމަ އައިސް މަލްގެ ގައިގައި ބައްދައިގަތެވެ.

"ކިހިނެއް ވެފަ މަލްއަށް." ބައްޕަ އަހާލިއެވެ.

"މަލް ވެއްޓި ބޯ ފަޅައިގެން ދިޔައީ." ފިރާ އިސް ޖަހައިގެން ހުރެ ބުނެލިއެވެ.

"ދެން އަނގަމަތި އޯ، ބަލާބަލަ އެކުއްޖާއަށް ދީފަ ހުރި އަނިޔާތައް." ބައްޕަ ވަރަށް ރުޅިގަދަވިއެވެ.

"ބައްޕާ! މިއަދު އަހަރެން ހަނު ނުހުންނާނަން. ފިރާ އަހަންނަށް އަނިޔާ...ކުރޭ!" މަލްއަށް ބުނެވުނީ އެހެންނެވެ. ހޭނެތިގެން މަންމަގެ އުނގުތެރެޔަށް ވެއްޓުނެވެ. ނިޝް ދުވެފަ އައިސް މަލްއަށް ގޮވަން ފެށިއެވެ.

މަލް ހޮސްޕިޓަލަށް ގެންދިޔައިރު ބައްޕަ ދިޔައީ ފިރާވެސް ގޮވައިގެންނެވެ. ފިރާ ހުރީ ވަރަށް ބިރުންނެވެ. ފުލުހުންނަށް އަންގައިފިއްޔާ އޭނަ ކުށްވެރިވާނެކަން އެނގޭތީއެވެ.

މަލް ވެއްދީ އަވަސް ފަރުވާ ދޭ ތަނަށެވެ. އިރުކޮޅެއް ނުވެ ޑޮކްޓަރު ނުކުމެ ދިން ހަބަރަކުން ނިޝްގެ ދުނިޔެ ބަނަވެ އަނދިރިވިއެވެ. ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މަލް އޮތީ މަރުވެފައެވެ.

މިއަޑު އިވުމުން ފިރާ ދިޔައީ ސިއްސައިގެންނެވެ. މަލްގެ މަންމަ ހޭނެތިގެން ވެއްޓުމުން މަންމަވެސް އަވަސް ފަރުވާ ދޭ ތަނަށް ވެއްދީއެވެ. ދެއަތުން ބޮލުގައި ހިފައިގެން އިނދެ ނިޝްވެސް ރޮމުން ގެންދިޔައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު