އޭނާ އެހާ އުފާވެފައި ހުރިތަން ފެނުމުން ހިތް މަރާލާފައި އަހަރެން އުފާވާން މަސައްކަތް ކުރަމުން ދިޔައީ އެތެރޭގައި ހުރި ހިތާމަވެރި ކަރުނަތައް ފޮރުވަމުންނެވެ.

ކައިވެނީގެ ހަފްލާ ނިމުމުން އަހަރެން އެނބުރި ރަށަށް އައީ މަރުވެފައިވާ ހިތަކާއެކީގައެވެ. އަހަރެން ފުރުވަން އެއާޕޯޓަށް ގޮސް އޭނާ އަހަރެން ފުރުވާލީ ވަރަށް އުފަލުން ހިނިތުންވެފައި އަހަންނާ ސަމާސާ ކުރަމުންނެވެ. އަހަރެން ގެއަށް އައިސް ކުރި ކަމަކީ ރުއިމެވެ. އަހަރެން ބޭނުންވީ މާލޭގައި ހިނގާދިޔަ ކަންތައްތަކުގެ މަތިން ހަނދާން ނައްތާލާށެވެ.

އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދަން ޖެހުނީ ހިތާމަ އާއި ހިތްދަތި ކަމުގައެވެ. އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ހަޔާތުގައި އޭރަކު ކަން ހިނގަމުންދާ ގޮތް ދެމީހުންވެސް ދިޔައީ އެކަކު އަނެކަކަށް ހިއްސާކުރަމުންނެވެ. ބައެއް ފަހަރު އަހަރެން މެސެޖު ކުރިޔަސް ރިޕްލައި ނުލިބޭ ފަހަރުވެސް އާދެއެވެ. އެގޮތުގައި ހަ ދުވަސް އޭނަގެ ހަބަރެއް ނުވުމުން އަހަރެން ވަރަށް ހާސްވިއެވެ. ދިރިއުޅުން މަތިން ފޫހިވެ ހުރިހާ ކަމެއް އުއްމީދު ގެއްލި، އެކަނިވެރިކަން އަހަރެންގެ ބައިވެރިޔަކަށްވިއެވެ.

ދުވަސްކޮޅެއް ފަހުން އަހަރެން މާލެ ދިޔައީމެވެ. އޮފީސް ކަމެއްގެ ބަހަނާގައި އަހަރެން ދިޔައީ އޭނައާ ބައްދަލުކޮށްލާށެވެ. އަހަރެން ބަލާ އޭނާ އައިސް ހުރިތަން ފެނުމުން އަހަރެން ވަރަށް އުފާވިއެވެ. ނަމަވެސް އޭނާ ފެނުމުން އަހަންނަށް ރޮވުނެވެ. އޭނާގެ ހުރި ހާލު ފެނިފައެވެ. މުޅި މީހާ މިލާ މޯޅިވެފައެވެ. އަހަރެން ފެނުމުން އޭނާ އައިސް އަހަރެން ގައިގައި ބައްދައިގަތެވެ. އަހަރެންގެ މެސެޖުތަކަށް ރިޕްލައި ނުކުރި ސަބަބު އޭނާ ކިޔައިދިނެވެ. އޭނާގެ ދިރިއުޅުން ހަލާކުވެ އަންހެނުންނާއި ވަކިވެ އޭނަގެ ހިތް ވަނީ ހަލާކުވެފައެވެ. ރޮއިރޮއެފައި އެވާހަކަތައް އަހަންނަށް ކިޔައިދިނެވެ.

ގެޔަށް ދިޔުމަށްފަހު އަހަރެން މަސައްކަތްކުރީ މަޖާ ވާހަކައެއް ދައްކައިގެން ނަމަވެސް އޭނާ އުފާކޮށްލެވޭތޯއެވެ. އެވާހަކަތަކުގެ ތެރޭގައި އަހަރެން ލޯބިވާ ވާހަކަވެސް ބުނެވުނެވެ. ގަސްތުގައެއް ނޫނެވެ. ބޭ އިހްތިޔާރުގައި ބުނެވުނީއެވެ. އަހަންނަށް މިކުރެވުނީ ކޮންކަހަލަ ކަމެއްބާއެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. އަހަންނާ ވާހަކަ ނުދައްކާ ހުއްޓާލައިފިނަމަ އަހަރެން ވަރަށް ދެރަވާނެއެވެ. އޭނާ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތާ ވަރަށް ހިލާފަށެވެ. އަހަރެން ލޯބިވާ ވާހަކަ ބުނުމުން އޭނާގެ މޫނު އުޖާލާވިއެވެ. މިލާ މޯޅިވެފައި އިން މީހާއަށް ހެވުނެވެ. އަހަރެންގެ ވާހަކަތައް އޭނަ ނެގީ މަޖަލަކަށެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެހާ ގިނަ ދުވަހު ބުނަން އުޅުނު ވާހަކަ ބުނުމުން އޭނާ ސީރިޔަސްނުވީމައެވެ. އަހަންނަށް ކުރިންވެސް އެނގެއެވެ. އޭނާ އަހަރެން ދެކެ ލޯބިނުވެއެވެ. އޭނާ އަހަރެން ދެކެނީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާ ހީލުމުން އަހަރެންވެސް އުފާވިއެވެ. އޭނާ ހީކުރީ އޭނާ ހެއްވާލަން އަހަރެން ބުނި އެއްޗެއް ކަމަށެވެ. އެހެންކަމުން އެއީ މަޖަލަކަށް ބުނި އެއްޗެއް ކަމަށް ބުނީމެވެ. އޭނާ ދެވަނަ ފަހަރަށްވެސް ލޯބިވޭހޭ އެހުމުން އަހަރެން ނޫނެކޭ ބުނީމެވެ. މިފަހަރު އޭނާ އެހީ ވައރަށް ސީރިޔަސްވެފަ އިނދެއެވެ.

އޭނައާ އެކީ މުޅި ދުވަސް ހޭދަކުރުމަށްފަހު އަހަރެން އަނބުރާ ރަށަށް ދާ ގަޑި ޖެހުމުން ދެރަވިއެވެ. އަނެއްކާވެސް އޭނައާ ވަކިވާން ޖެހުނީތީއެވެ. އަހަރެން ދާތީ އޭނާއަށްވެސް ރޮވުނެވެ. އަދި މާދަން ފުރަން މަޑުކޮށްލަން އެދުނެވެ. ޓިކެޓުވެސް ދޭނެ ކަމަށް ބުނުމުންވެސް އަހަރެން މަޑުނުކުރީއެވެ. އަހަރެންގެ ކަރުނަތައް އަހަރެން ހިފެހެއްޓީ ފްލައިޓަށް އަރަންދެނެވެ. އެއާއެކު ކަރުނަތައް އޮހިގަތެވެ.

ފުރައިގެން އައީ ޗުއްޓީ ލިބޭ ކޮންމެ ފަހަރަކު ދެމީހުން ބައްދަލުވާން ވައުދުވެފައެވެ. އެހެންނަމަވެސް އޭނަގެ ހަބަރެއްނުވެ ދުވަސްތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވެގެންދިޔައެވެ. މަޑުމަޑުން އޭނަގެ ހަދާންތައް އަހަރެންގެ ހިތުން ފަނޑުވަމުންދިޔައެވެ. އޭނަގެ މެސެޖަށް އިންތިޒާރުކުރުން ނިމުމަކަށް އަންނަން ފެށިއެވެ.

އާދައިގެމަތިން އަހަރެން އިނީ މަސައްކަތުގައެވެ. އެހެންއިންދާ ލިބުނު ކޯލަކުން އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެން ފުރުވާލާފާއި އޭނާ ގެޔަށް ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓުވެ އޭނާ މަރުވީއެވެ.

ފުރަން ދިޔަ ދުވަހުވެސް އޭނާ ބުންޏެވެ.

"އަހަރެން ދެން ނުފެނިއްޖިއްޔާ ކިހިނެއް ހަދާނީ."

މިހަދާން އާވުމުން އަހަންނަށް ރޮވުނެވެ. އެވަގުތު އޮފީހުގައި ތިބި މީހުން އަހަރެން ކައިރިޔަށް އައިސް ވާނުވާ އޮޅުން ފިލުވަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން ރޮމުން ނުކުމެގެން ދިޔައީއެވެ. އޭނާ މަރުވި ހަބަރު އަހަންނަށް ކުރިން ނުދިނީ ކީއްވެ ހެއްޔެވެ. މިހާ ގިނަ ދުވަސް ނެގީ ކޮން ކަމަކާ ހެއްޔެވެ. އެކޮޅުން ގުޅި މީހާއާ އަހަރެން ސުވާލުކުރަމުން ދިޔައީމެވެ. ނަމަވެސް އޭނާ ދިން ޖަވާބަކީ އަހަރެންގެ ނަންބަރު ހޯދައިގެން އަހަންނާ ގުޅަން ވަރަށް އުދަގޫވި ކަމަށެވެ. އަހަރެން އެ ވާހަކަތައް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ފޯނު ކަނޑާލީމެވެ. އެހެންނަމަވެސް އޭނާ މަރުވުމުގެ ކުރިން ވަސިއްޔަތެއް ލިޔެފައިވާ ކަމަށް އޭނަގެ ވަކީލު ބުންޏެވެ.

އެ ވަސިއްޔަތު ކިޔާލަން އަހަންނަށް ޖެހުނީ މާލެ ދާށެވެ.

އޭނަގެ މުދަލާއި ހުރިހާ ފައިސާއެއް ލިބުނީ އާއިލާ އަށާއި ކުރީގެ އަނބިމީހާއަށެވެ. އެ ވަސިއްޔަތުގައި ބުނާގޮތުން އަހަންނަށް އޭނާ ދޭން ބޭނުންވީ އޭނަގެ ޑައިރީއެވެ. އެއީ އޭނާގެ ހަޔާތުގެ ޑައިރީއެކެވެ. ޑައިރީ އަހަރެންގެ އަތަށް ދިން ގޮތަށް އަހަންނަށް ރޮވުނީއެވެ. އަދި ރަށަށް އަންނަން ފްލައިޓުގައި ދިޔައިރު އަހަރެން ހަނދާންވީ އަހަރެމެން އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ.

ޑައިރީ ފެށީ އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ދުވަހުންނެވެ. އަހަރެން ޑައިރީ ކިޔަމުން ދިޔައީމެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔައީ އަހަރެންދެކެ ލޯބިވާ ވާހަކަ ޑައިރީގައި އޭނާ ލިޔެފައި އޮތުމުންނެވެ. އޭނަގެ ލޯބި ހާމަކުރަން އޭނަވެސް ބިރުގަތީއެވެ. އަހަރެންގެ ވާހަކަ އަޑުއަހަން އޭނާއަށް ކަމުދިޔައީ އެހެންވެއެވެ.

އޭނާ މާލެ ދިޔުމުން އެހެން މީހަކު ދެކެ ލޯބި ވެވުނު ވާހަކަވެސް ލިޔެފައި އޮތެވެ.

އޭނާއަށް ލިބުނު އެންމެ އުފާވެރި ވަގުތަކީ އޭނަގެ ކައިވެނި އޮތް ރޭ އަހަރެންނާއެކު ކައިވެނީގައި ނަށަމުން ދިޔަ ވަގުތެވެ. އޭނާ ބުނީ އެއީ އަހަރެމެން ދެމީހުންގެ ކައިވެނި ކަމަށް ހީކުރެވުނު ކަމަށެވެ. އަނބިމީހާ ވަރިކުރަން ޖެހުނީވެސް އަހަރެންގެ ހަދާންތަކާއި އޭނައަށް ދުރަށް ނުދެވުމުންނެވެ. އޭނާގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި ވަގުތަކީ އަހަރެން އޭނާއަށް ފޮނުވާ މެސެޖުތައް ކިޔާ ވަގުތެވެ.

އެންމެ ފަހުން ޑައިރީ ނިންމާލަމުން އޭނާ ލިޔެފައިވަނީ "މިއަދު އަހަރެން ބުނާނަން އަހަރެން ލޯބިވާ ވާހަކަ" މިހެންނެވެ. އެއީ އޭނާ މަރުވި ދުވަހެވެ. އެދުވަހު އަހަރެން އެންމެ ފަހުން އޭނާގެ ހިތުގައި އަސްލު އޮތީ ކޮން އެއްޗެއްކަން އޮޅުން ފިލުވަން އުޅުނު ދުވަހެވެ. ބޭއިހްތިޔާރުގައި ލޯބިވެޔޭ ބުނެވުނު ދުވަހެވެ. އޭނާ ދެވަނަ ފަހަރަށް އެހުމުންވެސް އެ ލޯބި ހާމަކުރަން ނުކެރި އެއީ މަޖަލަކަށް ހެދި ދުވަހެވެ.

މިއަދު އަހަންނަށް ވިސްނިއްޖެއެވެ. މީހަކުދެކެ ލޯބިވާނަމަ މާދަމާއަށް މަޑުނުކޮށް އޭނާއަށް އެކަން އަންގާށެވެ. ފަހަރެއްގައި އެ އަނެއް ދުވަސް ދުވަހަކުވެސް އެއްގޮތަކަށްވެސް ނާންނާނެއެވެ. އަހަންނަށް ދިމާވީ މިކަހަލަ ގޮތެކެވެ. އެދުވަހު ލޯބިވާ ވާހަކަ ބުނެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ވާ ލޯބި އޭނައަށް އިހުސާސްވި ނަމަވެސް ދުލުން ބަޔާން ނުކުރުމުން މުޅި އުމުރު އަހަރެން މިޖެހުނީ އޭނަގެ ހަދާނުގައި ކަރުނަ އަޅާށެވެ.

(ނިމުނީ)