ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ އަލީ އާރިފްއަކީ ރަށުގެ ތަރައްގީގެ މުގުލޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގިނަ ދުވަހު ރަށަށް ހިދުމަތްކޮށް ދެއްވައި ކައުންސިލްގެ ރައީސްކަން މީގެ ކުރިން ވެސް ފުރުއްވާފައިވާ އާރިފް ހުންނެވީ އޭނާގެ ތަޖުރިބާ އާއެކީ ރަށް މުޅިން އެހެން ދިމާލަށް ގެނެވުމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ބަޔަކު އަންނަ މަންޒިލަކަށް ރަށް ހަދައި ރަށުގައި ތިބެގެން ރައްޔިތުންނަށް އާމްދަނީ ލިބޭނެ އިންތިޒާމު ހައްޖައްސައި ދިނުމަކީ އާރިފްގެ ހުވަފެނެކެވެ. އެއީ ކައުންސިލް ކަމުގެ ރައީސް ކަމުގެ މަގާމަށް ހޮވިވަޑައިގެންފި ނަމަ، އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމެކެވެ.

ތައުލީމީ ހަޔާތާއި އަދާ ކުރެއްވި ވަޒީފާތައް!

އާރިފް އޭނާގެ ސާނަވީ ތައުލީމު އަދާ ކުރެއްވީ އުފަން ހޯރަފުށިންނެވެ. އޭގެ ފަހުން އޯލެވެލް ހެދުމަށް މާލެ ބަދަލުވެ، 1994 ވަނަ އަހަރު އޯލެވެލް ނިންމައި އޭލެވެލް 1996 ވަނަ އަހަރު ނިންމެވިއެވެ.

އޭގެ ފަހުން ރަށަށް ހިދުމަށް ކޮށްދިނުމަށް ރަހުމަތްތެރިންނާ ގުޅިގެން ޓިއުޝަން ކްލާހެއް އޭނާ ވަނީ ހުޅުއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރެއްވީ އޭރު ރަށުގައި އޮންނަނީ ހަމައެކަނި ގްރޭޑް ހަތަކާއި ހަމައަށް ކަމުން ތައުލީމު އުނގަންނައި ދިނުމަކީ އޭރުގެ ހާލަތަށް ބަލައި މުހިންމު ކަމެއް ކަމަށް ވާތީއެވެ.

އެގޮތުގެ މަތިން ނުވަ އަހަރު ވަންދެން ކުދިންނަށް ތައުލީމު އުނގަންނައި ދިނުމުގެ ގޮތުން މަސައްކަތް ކުރައްވައި ރަށުގައި ރައްޔިތުން ޕްރީ ސްކޫލުގެ ހިދުމަތެއް ބޭނުންވާ ކަމަށް ބުނުމުން ޖަމްއިއްޔާއަކާއި ގުޅިގެން އެންމެ އިސްކޮށް ހުންނަވައި އޭނާ ވަނީ އާދަމް ސަލީމް ހަނދާނީ ޕްރީ ސްކޫލްގެ ނަމުގައި ސްކޫލެއް ހުޅުއްވައިފައެވެ. އެއީ 2000 ވަނަ އަހަރުއެވެ.

އޭރުން ފެށިގެން މެދުކެނޑުމެއްނެތި މިހާރު ވެސް އޭނާ އަންނަނީ އެކަން ކުރައްވަމުންނެވެ.

އޭގެ ފަހުން ރަސްމީ ވަޒީފާއަކަށް އޭނާ ގުޅިވަޑައިގަތީ 2005 ވަނަ އަހަރުއެވެ. އެއީ މާލޭގައި ހުންނަ ސްޓެލްކޯ އޮފީހާއެވެ. އެ އޮފީހުގައި ތިން މަސް އުޅުއްވުމަށް ފަހު ރަށުގައި ހުންނަ އިންޖީނުގެ ހިންގުމާއި ހަވާލުވެ 2010 ވަނަ އަހަރާ ހަމައަށް އޭނާ މަސައްކަތް ކޮށްދެއްވިއެވެ.

ވަޒީފާ ދޫކޮށް ސިޔާސީ ދާއިރާއަށް!

އާރިފް ވިދާޅުވީ، ސަރުކާރުގެ ވަޒީފާއެއް ދޫކޮށް ސިޔާސީ ދާއިރާއަށް ވަދެވުނީ 2011 ވަނަ އަހަރު ކައުންސިލްތައް އުފެދިގެން އައުމުން ކަމަށެވެ. އެގޮތުން އެއަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި އޭނާ ވަނީ އާންމު މެމްބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައެވެ. އޭރު އޭނާ އާއެކީ ދެން ހޮވި ވަޑައިގެންފައިވަނީ އެމްޑީޕީގެ ހަ ކެންޑިޑޭޓުންނެވެ.

އޭގެ ފަހުން ދެ ވަނަ ދައުރަކަށް އެމްޑީއޭގެ ޓިކެޓުގައި ވާދަ ކުރެއްވި ފަހަރު މެޖޯރިޓީ އެޕާޓީއަށް ލިބިގެން ކައުންސިލް ރައީސްގެ މަގާމު އޭނާ ވަނީ އަދާ ކުރައްވާފައެވެ. ރައީސް ކަމުގެ ޒިންމާ އޭނާ ވަނީ ދެވަނަ ދައުރު ނިމެންދެން ފުރުއްވައިފައެވެ.

މި އިންތިހާބުތަކުގައި ވާދަ ކުރައްވައި ކާމިޔާބީތަކެއް ހޯއްދެވުމަށް ފަހު އޭނާ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވަނީ 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައެވެ. އެހެންކަމުން އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެއް ކަމުން އެ ވެރިކަން ނިމެންދެން ސިއްހީ ދާއިރާގައި ހިދުމަތް ކުރުމަށް އޭނާ ވަނީ ރަށުގެ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމު 13 މަސް ވަންދެން ފުރުއްވާފައެވެ.

އާރިފް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވަނީ ފޮނި އުއްމީދު ތަކަކާއި އެކީ ރަށަށް ހިދުމަތް ކުރެއްވުމުގެ އަމާޒުގައެވެ.

ބިމުގެ ދަތިކަމަށް ހައްލެއް ހޯދުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ. އާރިފް ވިދާޅުވީ ޕީޕީއެމްގެ ކައުންސިލެއްގައި އެންމެ ބޮޑު އަމާޒަކަށް ހައްދަވާނީ ސަރުކާރާ ގުޅިގެން، ބިން ހިއްކުމުގެ މަޝްރޫއު އެންމެ އަވަހަކަށް ފެށޭތޯ ކަމަށެވެ.

"އޭރުން ގޯތި ގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބުމަށް މަގުފަހި ވެގެންދާނެ،" އާރިފް ވިދާޅުވިއެވެ.

ހއ. ހޯރަފުއްޓާއި އެރަށު އެއާޕޯޓު މަތިން ނަގާފައިވާ ފޮޓޯއެއް - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އާރިފް ވިދާޅުވީ، ބިމުގެ ދަތިކަމަށް ހައްލެއް ހޯދާއިރު، މިހާރު ތޮއްޖެހިފައިވާ މާލެ އޮތް ގޮތަށް ވުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން ރަށް "ކޮންކްރީޓް ޖަންގަލް" އަކަށް ބަދަލުވެއްޖެއްޔާ އެއީ ދެރަ ކަމަކަށްވާނެ ކަމަށެވެ. އެހެން ކަމުން ބިމުގެ ޕްލޭންތައް ހެދިގެން ދާއިރު ވަކި އިންސައްތައެއް ރިޒާވް ކުރެވިފައި އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް ފަޅު ރަށްތައް ބޭނުން ކުރާނެ

މިހާރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއި އެކީ ކޮންމެ ރަށަކަށް ވަނީ އިހްތިސޯސެއް ކަނޑައެޅިފައެވެ. އެގޮތުން ހޯރަފުއްޓަށް ބަލާއިރު، އެރަށުގެ އިހްތިސޯސްގެ ތެރެއަށް ވެލިފިނޮޅު އަދި އުނގުލުފިނޮޅު ވަދެއެވެ.

އެހެން ކަމުން މިރަށްތަކަށް ކައުންސިލުން ބޭނުން ކަމެއް ކުރެވެން އޮތުމުން އާރިފްގެ ވިސްނުން ހުރީ އެ ފަޅުރަށްތައް ފަތުރުވެރިކަން ފުޅާ ކުރުމަށް ބޭނުން ކުރުމެވެ.

އާރިފް ވިދާޅުވީ، އެކަމަށް ބަލާއިރު، އެ ދެރަށަކީ އެކަމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ދެ ރަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ދެ ރަށުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނެ މަގު ހޯދާ ބަލައި އެ ރޮނގުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯރަފުށީގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ވެލިފިނޮޅު

ފަޅު ގޯތިތައް ދަނޑުވެރިކަމަށް!

ހޯރަފުއްޓަށް ބަލާލާއިރު، އާންމު ގޮތެއްގައި މަދުން ނަމަވެސް ފަޅު ގޯތިތައް އެރަށުގައި ހުރިކަން އެނގެއެވެ. އެއީ އެތަންތަނުގައި އުޅޭ ފަރާތްތަކުން ރަށް ދޫކޮށް މާލެ ގޮސްފައިވާތީއެވެ.

އާރިފް ވިދާޅުވީ، ރަށުގެ ބައެއް ރައްޔިތުންނަކީ ދަނޑުވެރިކަމުގެ ކޯސްތަކާއި ތަމްރީނުތައް ހަދައިގެން ތިބި ބައެއް ކަމުން އެފަދަ ގޯތިތަކުން ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ގޮތުން ދަނޑުވެރިކަން ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވަނީ މިވަގުތުވެސް ބައެއް ގޭގޭތަކުގައި މިރުސް ފަދަ ތަކެތި އުފައްދައިގެން އާމްދަނީ ހޯދަމުން އަންނަކަން އުފަލާއި އެކީ ފާހަގަ ކުރައްވައިފައެވެ.

"ފަޅުރަށްތަކާއި ރަށުގައި ހުރި ފަޅު ގޯތިތަކުގެ ބޭނުން ހިފައިގެން ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޭނުންތެރި ކަމެއް." އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ފަޅުގެތަކުގެ އިތުރުން ރަށް ކައިރީގައި ތިބި ބައެއް ފަޅު ރަށްތައް ވެސް ދަނޑުވެރިކަމަށް ބޭނުން ކުރުމުގެ ވިސްނުން އޭނާ ގެންގުޅުއްވާ ކަމަށެވެ.

މަސްވެރި ޒުވާނުން އުފެއްދުން!

ހޯރަފުއްޓަކީ ކުރީ ޒަމާނަށް ބަލާއިރު، މަސްވެރިކަން ކުރަމުން އަންނަ ރަށެއް ނަމަވެސް މިހާރު އެރަށުން މަސްވެރިކަން ކުރަމުން އަންނަ ތަނެއް ނުފެނެއެވެ. ނަމަވެސް މަދު މަދުން ޒުވާނުން މަސްވެރިކަމުން އުޅޭކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އާރިފް ވިދާޅުވީ، އޭނާގެ ވިސްނުމަކީ ޒުވާން މަސްވެރިން އެ ސިނާއަތަށް ނެރުމަށް ފަހު އެފަދަ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިނާމުތަކެއް ވެސް ދިނުން ކަމަށެވެ.

ރަށުގައި އަދާބީ އިލްމު ފުޅާ ކުރުން

ހޯރަފުއްޓަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ ރަށެއް ކަމުން ޕީޕީއެމްގެ ކައުންސިލެއްގައި އެކަން ފުޅާކޮށް، ޒުވާނުން އެކަމަށް ނުކުތުމަށް ހިތްވަރު ދިނުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ.

އާރިފް ވިދާޅުވީ، ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރަށް ތަރައްގީ ވަނީ އޭރަކު އޮންނަ ސަރުކާރެއް ނުވަތަ ޕާޓީއެއްގެ ކެނޑިޑޭޓަކު ހޮވައިގެން ކަމަށް ގަބޫލު ކުރި ނަމަވެސް އެއީ މުޅިންވެސް ކުށްހީއެއް ކަމަށެވެ.

އާރިފް ވިދާޅުވީ، ސަރުކާރު ނިސްބަތްވާ ޕާޓީގެ ކައުންސިލެއް އޮތްކަމުގައި ވިއަސް އަދި އެ ނޫން ކައުންސިލެއް އޮތަސް މިކަމުގެ މުހިންމު ކަމަކީ މަޝްވާރާގެ އުސޫލުން ކަންކަން ކުރުން ކަމަށެވެ.

"އެކަމަކީ ކޮންމެހެން އެމްޑީޕީއަށް ނިސްބަތްވާ ނުވަތަ ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނޫން. އެކަން ކުރެވޭނެ އެކަމުގެ އިހުލާސްތެރި ކަމާއި އެކަމުގެ ލަޔާގަތާއި ތައުލީމާއި ތަޖުރިބާއާއި ހުނަރާއި އެ ވިސްނުން ހުރި ކޮންމެ ބަޔަކަށް" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، ޕީޕީއެމް މެޖޯރިޓީ އޮންނަ ކައުންސިލެއް ހޯރަފުއްޓަށް އިންތިހާބު ކޮށްދެއްވައިފިނަމަ، އެބޭފުޅުންގެ އަމާޒަކަށް ވާނީ މަތިކުރެވިފައިވާ ގާނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުން ކަމަށެވެެ.