(ހއ. ކެލާ) ހއ. ކެލާއަކީ ބޭސްވެރިކަމަށް މަޝްހޫރު އެތައް ބަޔަކު ތިބި ރަށެކެވެ. ލޮލުގެ ބޭސްވެރިކަމަށް މޮޅު މީހުންނާއި ކުއްލިއަކަށް ތަނެއް ބިންދައިގެންދާ މީހުންނަށް ވަގުތުން ބޭސްތައް ތައްޔާރުކޮށް ބަލި މީހާ އަށް ފަރުވާދީ ރަނގަޅުކޮށްދޭ އެތައް ބޭސްވެރިއެއް މިރަށުގައި ތިބިކަމަށް ރަށުގެ ދުވަސްވީ މީހުން ފާހަގަ ކުރެއެވެ.
ކެލާގައި މަޝްހޫރު ފޫޅުމަޔަކަށް އުޅުނު އެކަކީ ހަދީޖާ ހަސަން އަލީ، 84 އެވެ.
އުމުރުން 40 އަހަރުގައި ފޫޅުމައިކަން ކުރަން ފެށި ހަދީޖާ އެ މަސައްކަތުގައި 18 އަހަރު ވަނީ ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ރަށުންނާއި ރަަށުން ބޭރުން 400 އަށް ވުރެ ގިނަ ކުދިން ވިއްސައިފައެވެ. އަދި އެ ހުރިހާ މަސައްކަތެއް ކުރީ ހިލޭ ސާބަހަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކާސިމްބެ، ދޮންމޫސުބެ، އިބްރާހީމް ކަސީމުބެ، މިއީ އިހުގައި ކެލާގައި އެންމެ އަރާތިބި ބޭސްވެރިންނެވެ. މި މީހުން ބޭސްވެރިކަން ކުރީ ވަކި އަގެއް ކިޔައިގެން ނޫނެވެ. ރަށުގެ ރައްޔިތުންނަށް ނުވަތަ ރަށުން ބޭރުންވެސް މީހަކު ބަލިވެގެން ގޮސްފި ނަމަމ ހެޔޮހިތުން އެހީވެދީ ކާންދީވެސް ހަދައެވެ.
ހަދީޖާ ބުނާގޮތުގައި ގިނަ މީހުންނަކީ އޭރު ފުދުންތެރި މީހުން ނޫން ކަމުން އެމީހުންނަށް ބޭސްކޮށް ހެދީ ހިލޭ ސާބަހަށް އެއްޗެއް ހޯދުމުގެ ނިޔަތުގައި ނޫނެވެ. ކުޑަމިނުން ގެއަކުން ފަރިވަޅެއް ދިނުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށް ހަދީޖާ ބުންޏެވެ.
ހަދީޖާ ބޭސްވެރިކަން ދަސްކުރީ އޭނާގެ މަންމަގެ ފަރާތުންނެވެ. އޭނާގެ މަންމަ އާއި މާމަ އަދި ކުރީގެ އާއިލާގެ މީހުންނަކީވެސް ފޫޅުމައިން ކަމަށްވެއެވެ. އަދި ބޭސްވެރިކަން ކުރަނީ ވަރަށް ކުރާހިތުން ކަމަށްވެސް އޭނާ ބުނެއެވެ. ހަދީޖާ ބުނީ އޭނާ ކުރާ މަސައްކަތަށް އަބަދުވެސް ހާއްސަ ލޯތްބެއް އޮންނަ ކަމަށެވެ.
"ކުއްޖަކު ވިއްސަން އައިސް ދީބަލާށޭ ބުނީމަ ދަނީ އެ މީހަކު އޮތް ތަނަކަށް. ރަށުގައި އަހަންނާއެކު މަސައްކަތް ކުރަން ދެމީހަކު ތިބޭ. އަހަރުމެން އަބަދުވެސް ކުދިން ވިއްސަން ދާނީ. ބައެއް ފަހަރު ދެން މީހަކު ދީފާނެ އެހެން އެއްޗެއް. އެހެންނޫނީ ނުހޯދަން އެއްޗެއް." ހަދީޖާ ކިޔައިދިނެވެ.
ބޭސްވެރިކަން އުވިގެން ދިޔައީ ޒަމާނީ ބޭސްވެރިކަން އައުމުން ކަމަށް ހަދީޖާ ބުނެއެވެ. އަދި އިހުގެ ބޭސްވެރިކަމަކީ ބުރަ މަސައްކަތެއް ކަމަށް ހީކޮށް ގިނަ ފަރާތްތަކުން މިކަން ކުރަން ދެކޮޅު ހެދުމުން ދިވެހި ބޭސްވެރިކަން އުވިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ކިތަންމެ ބޮޑު ކަމެއް ވިޔަސް ކުޑަ ބޭސްގުޅައް ކާލައިގެން ބަލިން ފަސޭހަވާއިރު ބޭސްކުރަންވެސް އެހާމެ ފަސޭހަ ކަމަށް އޭނާ ބުންޏެވެ.
ޒަމާނީ ބޭސްވެރިކަން އައުމުގެ ކުރިން ބަލިވެއްޖެ ނަމަ ދެން ބަރޯސާވާންޖެހެނީ ދިވެހި ބޭހަށެވެ. ދިވެހި ބޭސް ހަދަނީ އެކި ޒާތްޒާތުގެ ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ. އަދި ރަށްރަށުން ބޭހަށް ބޭނުންވާ އެއްޗެހި ނުލިބިއްޖެނަމަ ކައިރި ރަށްރަށުންވެސް ބޭސް ތައްޔާރުކުރުމަށް ފަތްޕިލާވެލި ގެނެއެވެ. ކެލާގައި މޮޅެތި ބޭސްވެރިން ގިނަވުމުގެ ސަބަބުން އެ ރަށަށް އެކި ރައްރަށުން ވެސް ބަލިމީހުން ބޭސްކުރުމަށް ޒިޔާރަތް ކުރެއެވެ. އެއީ މިހާރު ބޭސްވެރިކަމަށް ބޭރަށް ދާ އުސޫލުން އިހުގައި މީހުން ދަތުރު ކޮށް އުޅުނު ގޮތެވެ.
ވިއްސައިދޭ މީހުންނަކީ އިހުގައިވެސް އެންމެ ބުރަކޮށް ބޭސްވެރިކަން ކުރަމުން އައި ބޭސްވެރިންނެވެ. ބަލިވެއިންކަން އެނގޭ ދުވަހުން ފަށައިގެން މާބަނޑު މީހުންނާއި ބަނޑުގައިވާ ކުޑަދަރިފުޅަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް އުޅުމަށް ނަސޭހަތްތެރިވެ ބަލިވެ އިންނަ މީހާ އަށް އެކިއެކި އިރުޝާދުތައް ދެއެވެ. މިހާރުގައި ހުންނަގޮތަށް މާބަނޑު މީހުންގެ ބަނޑުގެސްކޭންތައް ކުރީގައި ނުކުރެވެއެވެ.
"މަލިކުދަނޑި ނިމިއްޖެ، ބޭސްވެރިކަން ނިމިއްޖެ، ލޮލުބޭސް ނިމިއްޖެ، ކެލާ މިއޮތީ ވެލައަށް ވެފަ." ކެލާގައި ދިރިއުޅެމުން އަންނަ ހަދީޖާ ބުންޏެވެ.
ބަލިވެ އިންނަތާ ހަމަސްފަހުން އެމީހެއް ކައިރިޔަށް ހަދީޖާ ގެންދެއެވެ. އެއީ ބަނޑު ހަމައަކަށް އަޅުވައި ތެޔޮލުމަށެވެ. ހަމަހަށް އެޅުމުން ބަލިވެއިންމީހާ ކައިރިޔަށް ދަނީ އެދުވަސްވަރު ދަރިފުޅު އޮންނާނީ ފުދޭވަރަކަށް ބޮޑުވެފައި ކަމަށް ވާތީއެވެ. އަދި ވިހަންދެން ގަވައިދުން މަހަކު އެއްފަހަރު އެމީހެއް ކައިރިޔަށް ދާނެއެވެ.
ވިހައިގެން ތިންދުވަސް ވުމުން ނޫނީ ހިނގާ ބިނގާވެ އުޅެން ފުރުސަތު ނުދެއެވެ. އަދި އޭގެ ފަހުން ބޭސް ދީފައި އަރާމު ކުރުވަން ބާއްވައެވެ. އަދި ވިހައިގެން ހަތް ދުވަސް ވުމުން ފެންވަރުވައެވެ. މިއީ މިހާރުވެސް މިކަން ކުރާގޮތެވެ.
ހަދީޖާ އަށް ވަނީ އެތަށް ހަނދާނީ ލިޔުމެއްވެސް ލިބިފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުންވެސް ހަދީޖާފަދަ ފަރާތްތަކަށް ޒަމާނާއި އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބާއްވައި ތަމްރީނުތައް ދީފައިވާއިރު ސިއްހީ މަރުކަޒުތަކުގައިވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ވަނީ ލިބިފައެވެ.
ހަދީޖާ ބުނީ އޭނާގެ ހަޔާތުގައި އެންމެ އުފާވި ދުވަހަކީ ފުރަތަމަ ދަރިފުޅު ލިބުނު ދުވަސް ކަމަށެވެ. އަދި އެންމެ ދެރަވީ ފިރިމީހާ މަރުވި ދުވަސްކަމަށް އޭނާ ބުންޏެވެ.
ތި މީސްމީހުންނަށް ޤައުމީ އިނާމުދީބަލަ
ޤައުމި އިނަމު ހާއްޤު ވާނެ
ތި ނުލިބޭ، ލިބޭނީ ޕާޓި ކުދިންނަށް
އަސްލުވެސް މިފަދަ ޚިދުމަތްތެރިންނަކީ ޤައުމީ އިނާމުގެ ހައްޤުވެރި.ފަރާތް ތަކެވެ. ރަށް ރަށުގެ ކައުންސިލް ތަކުން މިފަދަ ޚިދުމަތްތެރިންގެ ނަން ހުށަހއަޅާ އެފަރާތްތަކަށްއިނާމު ލިބޭނެ ގޮތް ހެއްދެވުން އެއީ ކުރަން ވަރަށް ރަގަޅު ކަމެއް.
މިއަދުގެ ހާލަކީ އަތޮޅު ހޮސްޕިޓަލަކަށް މާބަނޑު މީހަކު ދާއިރަށް ބުނާނެ އަވަހަށް މާލެދާށޭ. މިތާކު ވިއްސޭކަށް ނެތޭ. ފޫޅުމަޔަކު ދުވަހަކުވެސް ނުބުނޭ މާލެދާކަށް. އޭނައަށް އެނގޭ ވިއްސަން. ހޮސްޕިޓަލްތަކުން ލިބުނީ ކޮން ކުރިއެރުމެއް.؟
ދރ. މައުސޫމު ވިއްސި ފޫޅުމާ މީހާ
މާޝާﷲ❤️