މާލޭ ދަތުރުކުރި ފެރީ ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ ފެރީގައި ތިބި މީހުން މާލެ ގެނެސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު ކޮސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:30 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ލިބުމާއެކު ހާބަރކްރާފްޓް ލޯންޗެއް ވަނީ ދޯނި އޮތް ސަރަހަށްދަށް ދިއުމަށް ފުރާފައެވެ.

މި ފެރީގައި ބިދޭސީ ހަތަރު އަންހެނަކާއި ދެ ފިރިހެނެއްގެ އިތުރުން 10 ދިވެހިނާއެކު ދޯނީގެ ދެ ފަޅުވެރިއަކު ދަތުރުކުރިއެވެ.

ޖުމްލަ 18 މީހުން ދަތުރުކުރި މި ފެރީގެ އިންޖީނު ހުއްޓިފައިވަނީ ކ.އަތޮޅު މާދޫ ފިނޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ކ.އަތޮޅު ވާދޫ ކައިރިންނެވެ.

މި ފެރީއިން ދަތުރުކުރި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި މިއަދު ހެނދުނު 09:20 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު