މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ)އަށް ކިރި މަހަށްވާ ފައިސާ ނުލިބޭ ކަމަށް ބުނެ މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާގައި ބައިވެރިވާ މަސްވެރިންތައް ބުނަމުންދަނީ އެ މީހުން ކިރި މަހަށްވާ ފައިސާ ނުދޭތާ ތިން މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އާއިލާތައް އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ބުނެފައިވެއެވެ.

މަސްވެރިން ބުނާ ގޮތުން ސަރުކާރުން އެމީހުންނަށް 240 މިލިއަނެއްހާ ރުފިޔާ ދޭން އެބަހުއްޓެވެ.

މުޒާހަރާގައި ބައިވެރިވި މަސްވެރިއަކު ކަމަށްވާ އަހުމަދު ރަޝީދު "ވަގުތު" އަށް ބުނީ ހެނދުނުއްސުރެ މުޒާހަރާ ކުރަމުންދާ ކަމަށާއި ނަމަވެސް ސަރުކާރުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.

އަހުމަދު ބުނީ، އޭނާ މަހަށް ދާ ދޯންޏަށް އެކަނިވެސް ސަރުކާރުން 3.2 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށެވެ.

އިތުރު މަސްވެރިއަކު ބުނީ އޭނާ މަހަށްދާ ދޯންޏަށް ފަސް މިލިއަން ރުފިޔާ ދޭން ޖެހޭއިރު ސަރުކާރުން މިހާތަނަށް އެދެވޭ ޖަވާބެއް ދީފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު މުޒާހަރާ މި ކުރަނީ ކެތްތެރިކަން ކޮޅުން ލީމަ. ކަންމަތީ ފިހާރަތަކުން ނަގައިގެން ދަރަނިވެރިވެފައި. އަބަދަކު އެ ފިހާރަތަކުންވެސް ނުދޭނެ ނޫންތޯ؟ އަނބި ދަރިންނަށް ކާންބޯން ދޭން މިޖެހެނީ މިފަދަ ހާލެއްގައި. ވަރަށް ދަތިކޮށް އަޅުގަނޑުމެން މިއުޅެނީ. މިއައީކީ ދަރަންޏަށް އެއްޗެއް ނަގާކަށް ނޫން. އަޅުގަނޑުމެން މަސައްކަތް ކޮށްފަ ހޯދި ރުފިޔާ ހޯދަން މިއައީ." އޭނާ ބުންޏެވެ.

މުޒާހަރާގައި މިހާރު 22 ދޯނީގެ ފަޅުވެރިންނާއި، ކެޔޮޅުންނާއި އަދި އެމީހުންގެ އާއިލާގެ މީހުންވެސް ބައިވެރިވާ ކަމަށް އޭނާ ބުންޏެވެ. އަދި އިތުރު ދޯނިތައް ކޫއްޑޫ އަށް އަންނަމުންދާ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި ސަރުކާރުން މަސްވެރިންނަށް ފައިސާ ދޭނެ ދުވަހެއް ބުނުމުން ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށްވެސް ބުންޏެވެ.

މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހަށް ހާޒިރު ކުރެއްވުމުން މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހިސާބުތަކުން އެނގޭ ގޮތުގައި މަސްވެރިންނަށް 270 މިލިއަން ރުފިޔާ ނުދެވި ހުރި ކަމަށެވެ.

ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ނަމަވެސް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި ފަހު މިންޒިލެއްގެ ގޮތުގައި ކޫއްޑޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު، 270 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. 2023

    އަދި އަވަސް މުޒާހަރާ ކުރަން. އެމްޑީޕީ ސަރުކާރުގަ ނެތްތަ އެއްވެސް ރުފިޔާ އެއް ދޭންޖެހޭ

    35
    5
  2. ހނހ

    ލޯނެއް ނަގައިގެން ނަމަވެސް މިކަން ރަނގަޅު ކުރުމަކީ ހަމަ އެންމެ ރަނގަޅުގޮތް

    32
    2
  3. އަލީ

    މަސް ގަތުން ދުވަސްކޮޅަކަށް މަޑު ކުރީމަކިހިނެއްތޯވާނީ

    17
    3
  4. ހުއްޓޭ

    މުއިއްޒު ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓާލާފައި މަސްވެރިންގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލަން. ކުރިމަތީގައި އޮތީ ރަމަޟާން މަސް.

    12
    16
    • ޔަހޫޔާ

      އެމްޑީޕީންކުރީ ބޭކާރު ނޫން ހަރަދުތޯ އިންތިހާބައް ވަޒީފާބަހާ ސަރުކާރު ފައިސާއިން ކޭންޕޭންކޮއް އަދި ޕްރޮޖެކްތައް ސީދާއިންތިހާބައް ފެއްޓީވެސް އަދި 1200 ސިޔާސީ ވަޒީފާދީފަހުރީ މިސަރުކާރުން 300 ސިޔާސީ ވަޒީފާ ދިނީވެސް.

  5. އިސްޢާފް ސަލީމް

    ޙައްޤު ހޯދުމަށް މުޒާހަރާކުރުން ހަމަ ރަގަޅު! ވަޒީފާތަކުގައި އުޅޭ މީހުންނަށް މުސާރަ ލަސްވީމާ ވާ އުދަގޫ މަސްވެރިންނަށް ރުފިޔާ ލަސްވީމާ ވާ އުދަގޫ ތަފާތެއް ނޫން! ނަމަވެސް ދަރަނަިވެރިކޮށް ލޫޓުވާފައި އޮތް ތަނެއް ހަމަޔަކަށް އަޅުވަން ދުވަސްކޮޅެއް ނަގާނެ! މިހާރުވެސް މި ސަރުކާރުން ޗޯރުގެ ސަރުކާރުން ނުދީހުރި ރުފިޔާ 3 ފަހަރު ދީފި! ޑޮކްޓަރ މުޢިއްޒް އަވަހަށް މިކަން ނިންމަވައިދެއްވާ! ޕްލީޒް

    27
    1
  6. ހަމީދު707

    މަސްވެރިންތިތިބީ އެމްޑީޕީންދެމިގުއިރޯނުގަޖެހިފަ ދެންހަމަސަރުކާރުންރުފިޔާދެންދެކަށް ތިބެންޖެހޭނީ ހީވަނީމިރާއްޖޭގަ ހުވަދުއަތޮޅުމަސްވެރިންއެކަނިހެންތިބީ ބޮޑާބައެއް

    9
    1
  7. މުޙައްމަދު

    ޗޯރު އިބުރޭ ތިތަންވެސް ކައިބޯލާފަ ވަނީ.. ޗޯރޭ ގޭދޮށަދޭ ތިހޯދަން

    12
    3
  8. ދިވެހިދަރި

    ތި މަސްވެރިންނަން ދޭންވާ ފައިސާ އަކީ ކުރީގެ އެމްޑީޕީ ދެ ސަރުކާރުން ދޭންވާ ފައިސާ ނުދީ މިހުރިހާ ދުވަހު މަސްކިރުވާފަ ދޭނަމޭ ކިޔައިގެން .. އޭރު ތި މުޒާހިރާޔަކާ . އަޑުގަދަ ކުރުމަމާ ، ރުޅިވެރި ކަމަކާ ފުއްޕުމެއް ނުފުއްޕަ ! މިކަމުންވެސް ދޭހަވާނެ ފޮރުވިފައިވާ ސިއްރު!

    12
    1
  9. ހަންނާނުބޭ

    ނުއަގުގަ މަސްގަނެގެން ދައުލަތަށް ގެއްލުންވާގޮތަށް

    7
    1
  10. ދާންދޫ ރައްޔިތުން

    ކިރާ މަހަށް ކިހެނެއްހޭ ހަދަނީ އެމަސްދަނީ ކޮންތާކަށްހޭ ކުރީ ޒަމާނު ސިލޯނަށް މަސްވިއްކަން ދާ ކުރީ ޒަމާނުގެ ދިވެހި އާގު ބޯޓް ފަހަރުތަކުން އެޚިދުމަތް މިއަަދަށްވުރެ މާރަނގަޅުކޮށް ކުރި

  11. ސަމްސިއްޔާ

    ކިހަ މޮޅު. ކުރީ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖުހިހަށް
    މިހާރުގެ ފިޝަރީޒް މިނިސްޓަރ ހަޒީރުކުރަނީ. ކުރީ ސަރުކާރު ފައިބައިގެން ދިޔައީ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ދީފަބާ؟