ރޯދަ މަހަށް ހަނދު ބެލުން މާރިޗް 10 ވާ އާދީއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރޯދަމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރޯދަމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރި މަތީގައި ކަމަށެވެ.

އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރި މަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެވަގުތަކު ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭއިން ވަނީ ވިދާޅުވެފައެވެ.

ޑީޖޭއޭއިން ވިދާޅުވީ، ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭ އިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށެވެ.

މިގޮތުން ރޯދަމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗް 10 އަންނަ އާދިއްތަ ދުވަހުގެ ހަވީރު 5.30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.