މައްސަލަތަކުގައި ކޯޓުތަކުގައި ދައުވާ ލިބިގަނެ، އަދި ދައުވާ ކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބިގެންވާ ކަމުގައި ދޭކޭ ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒު މިފަދައިން ވިދާޅުވެފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެއްގައި މިއަދު ސުޕްރީމް ކޯޓުން ކުރި ޤަޟިއްޔާގައި އޭނާގެ ރައުޔު އިއްވަމުންނެވެ. އެގޮތުން ކޯޓުތަކަށް އިދާރީ މުވައްޒަފުން އައްޔަންކުރުމާއި މަގާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުމުގެ ބާރަކީ ގާނޫނުން ޑީޖޭއޭ އަށް މަތިކޮށްފައިވާ ބާރަކަށް ވާތީވެ، އެ ބާރު ހެޔޮގޮތުގައި ތަންފީޒު ކުރުމަށްޓަކައި އެ އިދާރާއަށް ބޭނުންވާ އެންމެހާ ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އެ އިދާރައަށް ލިބިގެންވާކަމަށް ބަަލަންޖެހޭ ކަމަށް މަހާޒްގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންތަކެއް ވަޒީފާއިން ވަކި ކުރި މައްސަލައެއްގައި ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ޖޭއެސްސީގެ ފަރާތުންނެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިކުރި ފަރާތްތަކަށް ވަޒީފާ ދީފައިވަނީ ޑީޖޭއޭ އިންނެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު މައްސަލަ ރައްދުވަނީ ވެސް ޑީޖޭއޭ އަށެވެ. އަދި ޓްރައިބިއުނަލްގައި ޑީޖޭއޭ ތަމްސީލުކޮށްފައިވަނީ ޖޭއެސްސީންނެވެ. ޖޭއެސްސީން ހަސްމެއްގެ ގޮތުގައި މައްސަލައިގައި ފާހަގަ ކުރެވިފައި ވަނީ ހައިކޯޓުގެ މަރުހަލާގައި ޖޭއެސްސީގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާތީއެވެ.

ޖޭއެސްސީގެ ފަރާތުން ވިދާޅުވެފައިވަނީ ޑީޖޭއޭ އަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ގާނޫނުން ދީފައިނުވާ ތަނެއް ކަމަށެވެ. އަދި އެ ފަރާތުން ހައިކޯޓަށް ހާޒިރުވެފައި ވަނީ ޑީޖޭއޭ ތަމްސީލު ކުރުމަށް ކަމަށެވެ.

މިކަންކަމާއި ގުޅިގެން ފަނޑިޔާރު މަހާޒު ފާހަގަ ކުރައްވާފައިވަނީ، މި މައްސަލާގައި ޑީޖޭއޭ ކޯޓުތަކުގައި ތަމްސީލު ކުރަން ޖޭއެސްސީ އަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ ކަމަށެވެ. އަދި ޖޭއެސްސީ ހިމަނައިގެން ހައިކޯޓުގެ މަރުހަލާއިން ފެށިގެން މައްސަލަ ބަލަން ނިންމި ނަމަވެސް މައުޟޫއީ ގޮތުން މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައެޅިދާނެ ކަމަށް އޭނާ ނުދެކޭ ކަމަަށް ފާހަގަކުރައްވާފައި ވެއެވެ. އެހެންނަމަވެސް މިއީ ގިނަ ބައެއްގެ ވަޒީފާ އަދާކުރުމުގެ އަސާސީ ހައްގަކާއި ގުޅިފައިވާ މައްސަލައެއް ކަމުން މި މައްސަލާގައި މުވައްޒަފުންނަށް އަނެއްކާވެސް އިތުރު ގެއްލުންތަކެއްވާތީ މައްސަލަ ނިންމަން ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޖޭއެސްސީ އަކީ މިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމް ވިޔެނަ ނުދޭން ވެގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހަދައިގެން އުޅޭ ނާފެޔާ ޖުޑަ ޖަގަހައެއް، ދައުލަތުގެ މާލިއްޔަތު ލޫޓުވި އެއްވެސް މީހަކަށް އަދަބެއް ދެވިފަކާނެތް !