ހދ. މަކުނުފޫ އެއާޕޯޓް މިއަހަރު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި، ދަތުރު ކުރަން ފެށޭނީ ކޮން އިރަކުންތޯ އޮޅުން ފިލުވުމަށް ހދ. މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ރައީސް އާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިފާސާ ވަނީ މަކުނުދޫއަކީ ދުރުގައި އެކަހެރިކޮށް އޮންނަ ރަށެއް ކަމުން ރައްޔިތުންނަށް ދަތުރު ފަތުރު ކުރަން އުނދަގޫކަން ފާހަގަކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އިފާސާ ފާހަގަކުރި ގޮތަށް މަކުނުދޫއަކީ އެކަހެރިކޮށް އޮންނަ ރަށެއް ކަމުން ދަތުރު ފަތުރު ކުރުމުގައި ދަތިތަކެއް އެރަށުގެ ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. އަދި އެރަށުގެ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދިލައްވާ ގޮތަށް ކަމަށެވެ.

އެގޮތުން މިހާރު ވެސް 1500 މީޓަރުގެ ހަދަން އޮތް ރަންވޭ، 1800 އަށް ދިގު ކޮށްދިނުމުން، ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން މިބަލަނީ އެއާޕޯޓް ހުޅުވޭތޯ. އިރާދަކުރެއްވިއްޔާ މިއަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު މަކުނުދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވަނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމޭއިރުގައި ރަށުގެ އެއާޕޯޓާއި، ގެދޮރުވެރިކަމުގެ ބޭނުމަށާއި ރަށުގެ ތަރައްޤީއަށްވެސް ބޭނުންވާ ވަރަށް އެކަށީގެންވާ ވަރަށް ބިން ހިއްކޭނެ ކަމަށެވެ. އަދި މަކުނުދޫގެ ހުރިހާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތާރުއަޅައި ހަދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެހެންމެ، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ މަކުނުދޫގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަދަލު

    އަބަދު އަންނަނީ އަންނަނީގަ އޮތް އެމްޑީޕީ ސަރުކާރު އަހަރުމެން ދެކެފިން. ދެން މުއިއްޒުއަށް ފުރުސަތު ދިނުން ބުއްދިވެރިކަމަށް ފެނޭ

  2. Anonymous

    ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ރިސޯޓެއްގެ ގޮތުގައި މީހުން ދިރިއުޅޭ ތަންތަން ގޮތުގައި ހަމަޖެހުން މާރަގަޅު ނުންތޯ ކޮންމެ ރަށެއްގައި އެއާރޕޯޓް އޮތުންތޯ !

  3. ކުރިޓިކު

    ޔާމީނަކާ މުއިއްޒަކާ ތަފާތެއްނެތް. ހަމައެކައްޗެއް ރައްޔިތުން ގުނބޯ ހައްދައިގެން ބުހުތާން ދޮގުހެދުން ރައްޔިތުންގެ މާލިއްޔަތު ލޫޓުވާލުން. މުއިއްޒުގެ ހަނީމޫން ނުނިމޭ، އިސްރާފްކުރުން، އަހަރެން ހިތަށްއަރަނީ މިތާ ރައްޔިތުންނަށް މިތިބީ ފާޑެއްގެ ސިހުރެއްގައި ޖެހިފައި ނޫންބާވައޭ؟