ރަމަޟާން މަހުގެ ފަހު 10 ގައި ވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކޮށްދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ސަރުކާރު ބަންދުވި ނަމަވެސް ކުށާއި ދަރަނީގެ ރިކޯޑް ސާފުކޮށްދިނުމުގެ ހިދުމަތާއި ކޯޓުތަކުގެ ހުކުމްތަކާ ގުޅިގެން ކޯޓުތަކަށް ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކުރުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތަށް ނިންމުން ނިންމާފައިވަނީ ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ރަމަޟާން މަހުގެ ފަހު ދިހައެއްގައި ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާންކޮށްފައިވުމާއެކު، ބަންދު ދުވަސްތަކުގައިވެސް ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދިލައްވަމުން ދާތީއާއި، އަދި ކުރިއަށް އޮތީ އީދު ބަންދުކަމަށްވެފައި، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ދަރިންގެ ޚަރަދުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ހައްގުވެރިންނަށް ކޮންމެހެންވެސް ލިބޭނޭ ގޮތް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

ވަކި އިންތިޒާމެއްގެ ދަށުން އެ ހިދުމަތްތައް ޑިޕާޓްމަންޓުން ފޯރުކޮށްދިނުމަށް ނިންމާފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2024/4 ދެންނެވުމުގައިވާ ފަދައިން އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބިޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން، އެ ދުވަސްތަކުގައި މުވައްޒަފުން އާންމު އުސޫލުން އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ޑީޖޭއޭ އިން ބުނީ އެފަދައިން އިންތިޒާމް ހަމަޖެއްސުމުގައި ވީހާވެސް މަދު ދުވަސްތަކެއްގައި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން ނެރެގެން ޚިދުމަތްތައް ދިނުމަށް އިސްކަން ދެވޭނެ ކަމަށާއި އެ ބީދައިން ޝަރުޢީ ދާއިރާގެ މުވައްޒަފުން އެ ދުވަސްތަކުގައި އޮފީހަށް ހާޒިރުވެ ކުރާ މަސައްކަތަށް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް ދޭ ނިސްބަތުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީ ކަމަށް ސަރުކާރުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީ ލޯބި

    މި ކުޅި ހުއްޓަލާފައި ދައުލަތުގެ އޮފީސްތަކުން މިކަން އޮންލައިން ކޮށް ކުރެވޭނެ ގޮތެއް ހަމަ ހަދަން ނޭގިގެންތޯ މިއުޅެނީ؟

    މީ ދެކޮޅަށް ދުވެދުވެ، ވަގުތުބޭކާރު ކުރެވޭ ކަމެއް، ކީއްވާނީ، ޑޭޓާބޭސްގެ މިރާއަކަށް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް އެސައިން ޕަރސަނަލް ތަކަކަށް އެކްސަސްދީ މިކަން އޮންލައިން ކޮށް ކޮށްލުން..

    އެކަމަކު ކިޔާނެ އީގޮވް އެކޭ އަނެއްކައްޗެކޭ.. ރައްޔަތުމީހާއަށް ތަކުލީފުކުޑަވާ ގަވް އެއް ނެހެދޭ މިމީހުން އުޅެއުޅޭ