ބޮކްސާ ތެރެއަށް ވަޅިތަކެއް ލައިގެން އިހްސާން ފިހާރައިން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަލޭ މާފަންނު އިހްސާނު ފިހާރައިން ވައްކަން ކުރި މައްސަލައެއް ރޭ 9:23 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 44 އަހަރުގެ މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރޭ ވަނީ އެ މީހާ އަތުލައިގަނެގެން އުޅުނު ވީޑިއޯއެއްވެސް އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރީ ބިދޭސީއެކެވެ. އެ މީހާ ވަނީ އޭނާގެ ބޮކްސާ ތެރެއަށް ވަގަށް ނެގި ގިނަ އަދަދެއްގެ ވަޅިތަކެއް ލާފައި ވެއެވެ.

ބޮކްސާއިން ވަޅިތައް ނަގަނިކޮށް

އެ ވީޑިއޯއިން އެ މީހާގެ ބޮކްސާ ތެރެއިން ވަޅިތައް ނަގާ މަންޒަރު ފެނެއެވެ. ގާތްގަނޑަކަށް ހަތް ވަރަކަށް ވަޅި އޭނާ ލާފައިވެއެވެ. އެ ވަޅިތަކުން ހުރީ ޕެކިންގައެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑެވެ. ފުލުހުންގެ ކޮންމެ މަހެއްގެ ތަފާސްހިސާބުތަކުގައި ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.