ދ. ކުޑަހުވަދޫގައި މޯޗަރީގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް މިއަދު ފަށްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވާނަންސް އެންޑް ޕަބްލިކްވާރކްސް ވަޒީރު އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ.

މޯޗަރީގެ ހިދުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުޑަހުވަދޫ ކައުންސިލަކީ މުސްތަޤިއްލު ގޮތެއްގައި ކަންކަން ކުރުމުގެ ވިސްނުން ހުރި ކައުންސިލެއް ކަމަށެވެ. އެގޮތުން އެ ކައުންސިލަކީ މާލެ ފިޔަވައި މޯޗަރީގެ ހިދުމަތް ފެށި ހަމައެކަނި ކައުންސިލްކަމަށް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި މޯޗަރީގެ ހިދުމަތް ފެށުން ---

"ގިނަ ކައުންސިލްތަކުން އާންމު ގޮތެއްގައި މައިސަރުކާރަށް ބަރޯސާވެގެން ކަންކަން ކުރުމުގެ ވިސްނުމުގެ ތެރެއިން މާލެއަށް ދަތުރުކުރަނީ. އެހެން ނަމަވެސް އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ވިސްނުން ކައުންސިލްތަކަށް ވަނީ އަންނަން ފަށާފައި. އެގޮތުން އަދި ކުޑަހުވަދޫ ކައުންސިލަކީ އެފަދަ ނަމޫނާ ދައްކާ ކައުންސިލެއް." މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުޑަހުވަދޫއަކީ ރައްޔިތުންގެ މެދުގައި އޮންނަ އިޖްތިމާޢީ ގުޅުމުގެ ތެރެއިން އެ ސަރަޙައްދުގެ އެންމެ ތަރައްގީ އާއި ކުރިއެރުން ހޯދާފައިވާ ރަށް ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ މާލެ ފިޔަވައި އެންމެ ފުރަތަމަ މޯޗަރީގެ ހިދުމަތް ފަށާ ރަށަކަށް ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެެވެ. އަދި ކުޑަހުވަދޫގެ ތާރީހުގައި މިކަން ލިޔެވިގެން ދާނެކަމަށް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި މޯޗަރީގެ ހިދުމަތް ފެށުން ---

"މިހާރު ކައުންސިލްގެ ވިސްނުމަކީ ކުޑަހުވަދޫ ކައުންސިލުން ދޫކުރާ ބިންތައް ދޫކުރެވޭއިރު އެ ދޫކުރެވޭ ފަރާތެެއްގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށަށް ކަންކަން ކޮށްދެވޭ ގޮތަކަށް ބައްޓަން ކޮށްގެން ބިންތައް ދޫކުރުން." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި މޯޗަރީއެއް އަޅައިދިނީ އެ ރަށުގައި އައިސް ޕްލާންޓް އަދި ޕެޓްރޯލް ޝެޑްގެ ހިދުމަތް ދެމުންދާ ބްރައިޓް ބްރަދާސް އިންނެވެ. އެ ކުންފުންޏައް ޕެޓްރޯލް ޝެޑްގެ ބިމުގެ މުއްދަތު ކުޑަހުވަދޫ ކައުންސިލުން އިތުރު ކުރީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކަށީގެންވާ ރަނގަޅު ކަމެއް ކޮށްދިނުމަށް ޝަރުތުކޮށެވެ.