ރަމަޟާން މަހުގެ ފަހު ދިހައިގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބުނީ، ރަމަޟާން މަހުގެ ފަހު ދިހައިގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރގެ އެކި ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.

ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން، ޕޭ ރޯލް އަދި ބަލްކް ޓްރާންސްފަރސް، ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް ހެެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ހިދުމަތްދޭ ގަޑީގެ އިތުރު މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.