72 ގަަޑިއިރު ތެރޭ 21.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގައި 21.6 މިލިއަން ރުފިޔާގެ މަގުމަތީ އަގު ހުރި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

"ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އަމާޒަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއެއް. އަޅުގަނޑުމެންގެ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާ މެދު ވަރަށް ފަޚުރުވެރިވޭ،". އޭނާ ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވިއިރު، 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ މެންދުރު 12:45 ގައި ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

ބެލެވޭ ގޮތުގައި މި އަތުލާގަތް މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތު މާދަމާ ހާމަ ކުރާނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިގޮތުގައި މުޖްތަމައުގައި ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށެވެ. މި މައްސަލައަކީ އެތައް އަހަރެއްވެފައިވާ އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްދެވިފައި ނުވާ ބޮޑު މައްސަލައެއް ކަމަށާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން މިކަމުގެ ވަބާއިގައި ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

" އެހެންވީމަ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފަ އޮންނާނެ މި މައްސަލައަށް ހައްލު ގެނެއުމަށް. އަޅުގަނޑުގެ ވައުދުތަކުގެ ތެރޭގައި އެކަންކަން ވާނީ ފާހަގަކޮށްފައި"ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމިއުނިޓީ ބޭސްޓް ރިހިބިލިޓޭޝަނަކީ މިކަމުގައި ކުރިއަށްދާން އެންމެ މުހިންމު މަގު ކަމަށެވެ. ކެބިނެޓްގައި ވާނީ މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވި ސިޔާސަތު ކަނޑައަޅާފައި ކަމަށެވެ.

"ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމްކޮށް. ކުދިން އަނބުރާ މުޖްތަމައަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު މަރުކަޒުތައް ގާއިމްކުރުމަށް ވަނީ ނިންމާފަ. އެކި ރަށްތައް ވެސް ވަނީ ކަނޑައަޅާފަ. އެ މަސައްކަތްތައް ވަރަށް އަވަހަށް ކުރިއަށްދާނެ."ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤ

    ހަމައެކަނި ރިހެބް އެޅުމަކީ ގެންނަމީހުންނަށް ވިޔަފާރިކޮށްދިނުންނޫންތޯ

  2. ވެރިންް

    ހައްލަކީ ތިބުނާ ރީހެބިލިޓޭށަނެއް ނޫން ހައްލަކީ ގާނޫނު ތަންދޭ އެއްމެ މައްޗަކަށް ހުކުމް ކުރުން

    1
    1
  3. ޢެޑްމުންޑޯ

    ތިއަތުލާގަތަސް ފައިދާއެއްނެތް ބޭކާރު މަސައްކަތެއް ، ކުއްވެރިވާނެ މީހަކު ނުހުންނާނެ ، ތިއެއްޗެހި އެތެރެކޮއްކޮއް ތިމީހުން ތިބޭނީ