ރޮބޮޓިކްސްއާ ބެހޭ ގޮތުން ރާއްޖޭގައި ބައިނަލަގްވާމީ ކޮންފަރެންސްއެއް އެވިޑް ކޮލެޖުން އިއްޔެ ފަށައިފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ރޮބޮޓިކްސްއާ ބެހޭ 11 މާހިރުން ބައިވެރިވެފައިވާ މި ކޮންފަރެންސް ކުރިއަށް ދަނީ އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގައެވެ.

މި ކޮންފަރެންސްގެ ތެރެއިން ޓެކްނޮލޮޖީގެ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގް ވިދާޅުވީ، ބައިނަލަޤްވާމީ ގޮތުން ކުރިއަރައިފައިވާ އެކި ގައުމުތަކުގައި ތަފާތު އާ އީޖާދުތައް ކުރަމުން އަންނަ އިރު ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބާއްވާ މަޝްވަރާތަކެއް ކުރެވިގެން ދިއުމަކީ ރާއްޖެ އަށް ވެސް އެފަދަ އީޖާދީ ކަންތައްތަކުގެ ތެރެއަށް ވަދެވިގެންދާނެ ކަމެއް ކަަމަށް ގަބޫލުކުރައްވަ ކަމަށެވެ.

އެވިޑް ކޮލެޖުން މެލޭޝިއާގެ ޔޫޓީއެމް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގައި ރޮބޮޓިކް ކްލާސްތަކެއް ވެސް ކުރިއަށް ގެންދިޔުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށްވެސް މުސްތާގް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ސާނަވީ ގްރޭޑްތަކުގެ ކުދިންނަށް ހާއްސަ ކްލާސްތަކެއްކަމަށްވެސް މުސްތާގް ވިދާޅުވިއެވެ.

މިއަދުގެ ނިޔަލަށް މި ކޮންފަރެންސް ކުރިއަށްދާއިރު، މިއީ ދުނިޔޭގެ ފެންވަރުގެ މިފަދަ ކޮންފަރެންސްއެއް ބާއްވާ ދެވަނަ ފަހަރެވެ.