ވިއްސާރައިގައި ފީވަކުގެ 20 ގެއަކަށް އަދި ފޯކައިދޫގެ 3 ގެއަކަށް ފެން ވަދެއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި އަތޮޅުތެރޭގެ ހާލަތު ވެސް ބަލަމުންދާ ކަމަށެވެ. އެގޮތުން ބެލި ބެލުމުން ށ. ފީވަކުގެ 20 ގެ އަކަށާއި ށ. ފޯކައިދޫ 3 ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެންްޑީއެމްއޭއިން ވަނީ ބުނެފައެވެ.
އިޖާބަދިނުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އިޖާބަދޭ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފެން ބޮޑުވެފައި ފޮޓޯ: އެންޑީއެމްއޭ
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައިވާ ރީނދޫ ސަމާލު، އިތުރު ހަތަރު އަތޮޅާއި އެކު ވަނީ ދަންމާލާފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މީގެ ހަތަރު ވަރަކަށް ގަޑިއިރު ކުރިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ހަވީރު 16:15 އިން ފެށިގެން 20:15 އާއި ހަމައަށެވެ. މި ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ ފަހުން މެޓުން ނެރެނު ސަމާލުގައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މިރޭ 20:00 އިން ފެށިގެން 00:00 އަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މުޅި ރާއްޖެއަށް މިއަދުވެސް އަދި މާދަމާވެސް ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށެވެ. އެކަމަކު އުތުރުގެ ބައެއް އަތޮޅުތަކަށް މާދަމާގެ މެންދުރުފަހުން މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭޣެ ސަރަހައްދުގައި ބޯ ވިލާތަކެއް އުފެދުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. ނަމަވެސް މި ވިއްސާރައާޢި ގުޅިގެން ވައި ގަދަވެ ކަނޑުތައް ގަދަ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.