ރާއްޖޭގެ އެކި ހިސާބުތަކަށް އިއްޔެ އާއި ރޭ ކުރި ވިއްސާރައާ ގުޅިގެން ހަ ގެއެއްގައި ދިރިއުޅޭ 43 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ، ފެން ވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކުރިއިރު، 122 ތަނަކުން އެޓެންޑްވެފައިވާ ކަމަށެވެ. އަދި 104 ތަނެއްގައި ޖުމްލަ 732 ވެލި ބަސްތާ ޖަހާފައިވާ ކަމަށާއި މި މަސައްކަތުގައި ދިވެހި ސިފައިން، ފުލުހުން، މާލެ ސިޓީ ކައުންސިލް އަދި އެމްޓީސީސީ އިން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މީގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު ހަ ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން އެއް ރެއަށް ހަމަޖައްސައި ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ 03 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މި ހާދިސާގައި ވަންދޫގެ އެއް ގެއަކަށްގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.