ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އަރާފައި ވާތީ ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ރާއްޖޭގެ މޫސުން ވަރަށް ބޯޑަށް ގޯސްވިއެވެ. އަދި ރާއްޖޭގެ ކަނޑުތައް ވަަރަށް ގަދަވެ، ބައެއް ހިސާބުތަކަށް އޮރެންޖް އިންޒާރާއި، ރީނދޫ ސަމާލާއި ހުދު ސަމާލުވެސް ނެރުނެވެ.

މެޓް އޮފީހުން މިހާރު ވަނީ ކުރިއަށް އޮތް ދެ ދުވަހު މޫސުން އެއްކޮށް ރަނގަޅު ނުވި ނަމަވެސް ދަތުރުކުރެވޭވަރު ވާނެ ކަމަށް ވިދާޅުވެފައެވެ.

މެޓް އޮފީހާއި ހަވާލާދީ އެންޑީއެމްއާ އިން މިއަދު ވިދާޅުވީ، އާދީއްތައިން ފެށިގެން އަންނަ ބުދަ އާ ހަމައަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭ ކަަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވާ ކަމަށެވެ.

"ވީމާ،ރަށްރަށުގެ ހާލަތު ބައްލަވައި، މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ،". އެންޑީއެމްއޭ އިން ވިދާޅުވެފައި ވެއެވެ.