ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން އަލިވާން ފަށާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ މީޑިއާ އޮފިޝަލު "ވަގުތަށް' ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އޮފިޝަލު ވިދާޅުވީ ހުރިހާ ހިސާބުތަކަށް ވެސް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށެވެ.

"ކުރިއަށް އޮތް 24 ގަޑިއިރު މޫސުން އެންމެ ގޯސްވާނީ ދެކުނާއި މެދު ރާއްޖެ ތެރެއިން. އެ ސަރަހައްދުތަކަށް ކަނޑު އެކަމު މަޑުވާނެ." އޮފިޝަލު ވިދާޅުވިއެވެ.

އެހެންނަމަވެސް، އޮފިޝަލު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން އަލިވާން ފަށާނެ ކަމަށެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ވާރޭ ވެހުމާއި އުދަ އަރައި ފެން ބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
    ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
    ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
    ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
    ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
    ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން

މެޓް އޮފީހުން މިއަދު މުޅި ރާއްޖޭއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިއްޔެ ގަދަ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ވެސް ނެރުނެވެ.