ޅ. ނައިފަރުގައި މޯޗަރީއެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ނައިފަރު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގައި ހިނަވާގެއަކާއި މޯޗަރީއެއް ގާއިމުކޮށްދޭނެ ބަޔަކު ބޭނުންވާނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މެއި މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ބީލަމުގައި ރެޖިސްޓްރީ ކުރުމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ. މި ބީލަމުގައި ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 100 ރުފިޔާ ދައްކަންޖެހެއެވެ.

އަތޮޅުތަކުގެ ގިނަ ރަށްތަކުގައި މޯޗަރީއެއް ނުހުރެއެވެ. ނަމަވެސް ފަހަކަށް އައިސް މޯޗަރީ ގާއިމު ކުރުމަށް ގިނަ ރަށްތަކުން ބޭނުންވެއެވެ.

އާއިލާ މީހުން އަންނަދެން ނުވަތަ އިތުރި ތަހުގީގަކަށް ހަށިގަނޑު ކުނި ނުވާނެހެން ބޭއްވުމަށް އަތޮޅުތަކުގައި އައިސް އަޅާފައިބަހައްޓައެވެ. އެކަމަކު ތަހުގީގު ބޭނުންތަކަށް ގިނަ ފަހަރު ހަށިގަނޑު މާލެ ގެނެސް މޯޗަރީއަށް ލައެވެ.