މިއަހަރު މިހާތަނަށް ޗައިނާއިން ރާއްޖެއަށް 81،914 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދުގެ ނިޔަލަަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 81،914 އަށް އަރައިފައެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 762،125 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 676،975 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 153،047 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރުގެ އެމުއްދަތުގައި 158،121 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން ވަނީ 76،138 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް އައިސްފައިވެއެވެ. ތިން ވަނައިގައި އޮތް އިނގެރޭސި ވިލާތުން ރާއްޖެއަށް 74،626 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް އައިސްފައިވަނީ 70،174 ފަތުރުވެރިންނެވެ.

އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާފައިވާއިރު، ކުރިއާ އަޅާ ބަލާއިރު އެ ގައުމުގެ ފަތުރުވެރިން މިމަހު މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން އަހަރު ފެށިގެންދިޔައިރު ލިސްޓުގެ ތިން ވަނައިގައި އޮތް އިންޑިއާ ވަނީ 42،167 ފަތުރުވެރިނާއެކު ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ.

ރާއްޖޭގައި މިހާރު 176 ރިސޯޓު ހިންގަމުންދާއިރު، 15 ހޮޓަލަކާއި، 844 ގެސްޓް ހައުސްގެ އިތުރުން، 147 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.