ރޭ ފުވައްމުލަކު ސިޓީގައި ނުރައްކާތެރި ދެ ސައިކަލް އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ 22:48 ހާއިރު ފުވައްމުލައް ސިޓީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަނިޔާވި ތިން މީހުންނަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމެންދާ ކަމަށާއި އެތަނުން އެކަކުގެ ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފުޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ރޭ ފުވައްމުލަކު އިތުރު އެކްސިޑެންޓެއް ހިނގާފައިވަނީ އެއާޕޯޓް ސަރަހައްދުގައި ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ ރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގެ އެއާޕޯޓް ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތްކުރަނިކޮށް ސައިކަލް ކަހާލައިގެންނެވެ.

އެ ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހަކަށް އަނިޔާވެގެން ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ވަރަށް ގިނައިން އެކްސިޑެންޓައް ހިނގައެވެ. އެގޮތުން ނިމިދިޔަ ރޯދަ މަހުގެ ތެރޭގައި ވެސް އެ ސިޓީގައި ސީރިއަސް އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ.