ދިވެހިރާއްޖޭގެ ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްއެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 6 ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އިންތިޚާބު ކޮމިޓީގެ ޗެއާގެ ގޮތުގައި ހުންނާނީ އަލީ ޝާނީޒެވެ. އަދި، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޝާނީޒަށް ގުޅައިގެން މަގާމަށް ކުރިމަތިލެވޭނެ ކަމަށާއި އޮންލައިންކޮށް ފޯމު ފުރައިގެން ވެސް މަގާމަށް ކުރިމަތި ލެވޭނެ ކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ޗެއާޕާސަންއެއް ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކުރިއަށް ގެންދާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ފިލްމު އެސޯސީއޭޝަންގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު ނިޔާވުމާ ގުޅިގެންނެވެ.

ވައިސް ޗެއާޕާސަން އަކީ ފިލްމީ ތަރި ޝީލާ ނަޖީބެވެ. މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)އަށް ދިވެހި ދައުލަތުން ޤައުމީ ހައިސިއްޔަތު ދިނީ 06 ސެޕްޓެމްބަރު 2023 ގައެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން އުފައްދާފައި ވަނީ 14 އޯގަސްޓް 2006 ވަނަ އަހަރު އެވެ. އެ އެސޯސިއޭޝަން އުފައްދާފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން ފިލްމީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަންކަން ފަހިކޮށްދީ ފިލްމީ ދާއިރާ ކުރިއެރުވުމަށެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ހުނަރުވެރި ފިލްމީ ފަންނާނުންނަށް އެހީތެރިވުމަށް ރާއްޖޭގެ ޖަމިއްޔާތައް ހިންގުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީކޮށް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.