ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ފަށާފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) މަޝްރޫއުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީއަށް މެންބަރުން އަލުން އައްޔަނުކޮށްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އާރްޓީއެލް މަޝްރޫއުގެ މިނިސްޓީރިއަލް ސްޓިއަރިންގ ކޮމިޓީގެ މެންބަރުން އަލުން އައްޔަނުކޮށް، އަންގާރަ ދުވަހުން ފެށިގެން ކޮމިޓީގެ ބައްދަލުވުންތައް ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޮމިޓީގެ ލަފާއާއި ނިންމުންތަކާއި އެއްގޮތަށް ކަަމަށް ވެސް ވަނީ ބުނެފައެވެ.

އާރްޓީއެލް ފެރީގެ ނިޒާމަށް ދޮޅު މަސް ދުވަހުގެ ތެރޭގައި ބައެއް ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށް ވަޒީރު މުހައްމަދު އަމީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ވަޒިރު ވިދާޅުވީ ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން އެމްޓީސީސީއާ ހަވާލުކޮށްގެން 3 ޒޯނެއްގައި ފެރީގެ ހިދުމަތް ކުރިއަށްދާއިރު އެ މަސައްކަތް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިޞްލާހު ގެންނަން ޖެހޭ ކަމަށެވެ.

އެ ހިދުމަތް ކުރީގެ ސަރުކާރުން ފެށީ އެންމެ ފުރިހަމަ ގޮތަށް އިންތިޒާމު ކުރެވިގެން ނޫން ކަމަށާއި ފެރީގެ "ރޫޓް" ތައް ކަނޑައަޅާފައިވަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި އެކަން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި އެ ބަދަލުތައް އަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަމީން ވިދާޅުވީ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ވެސް ކުރަންޖެހިފައި އޮތް ކަމަށެވެ. އަދި އެކަން ވެސް ދޮޅު މަސް ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ އެގްރީމަންޓަށް ފަހު ވަގުތު ބަދަލުތައް ގެނެސްފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް މަޝްވަރާތައް ވެސް ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހާއި ފެރީގެ ޚިދުމަތުގައި މިހާރު މާލެއާއި އަތޮޅުތަކުގައި 105 ބަސް އަދި ފެރީގެ ޚިދުމަތުގައި 25 އުޅަނދު ބޭނުންކުރެއެވެ.