ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވާލުމަށް ރާއްޖޭން ގޮވާލައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅެއް އެޅުމަށް، އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މިދިޔަ މަހު ގެންދިއުމުގެ ކުރިން، އެމެރިކާއިން ވަނީ އެ ގައުމަށް ލިިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން ސަލާމަތީ މަޖިލީހާ ހިސާބުން އެކަން ހުއްޓުވާފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިިވަޑައިގަތުމަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއިރު، މި ގަރާރާ ދެކޮޅުހެދި އެމެރިކާއަކީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިއްވި ބަޔާނުގައި ވިދާޅުވީ އދ.ގެ 140 މެންބަރު ގައުމަކުންނާއި، ސަލާމަތީ މަޖިލީހުގެ 12 ގައުމެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެތައް މިލިއަން ބަޔަކު ގޮވާލައި ކުރަމުންދާ ސުލްޙަވެރި އިހުތިޖާޖުގެ އަޑު ވެސް ކަނޑުވާލާފައިވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހަށް އިއްވެވި ބަޔާނުގައި ހައިދަރު ވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފަށް އެދި ގޮވާ ގޮވުމާއި، އެ މީހުން އަމިއްލަ ނިންމުން ނިންމުމަށް އެދި ގޮވާގޮވުމަށް ދެކޮޅު ހެދީ އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން އެންމެ ގައުމެއްކަން ފާހަގަ ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ތާރީހުގައި ލިޔަމުން، ފެވެމުންދާ ކަމަށެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ތުއްތު ކުދިން އަމިއްލަ އަތުން މަސައްކަތް ކުރާ މަންޒަރު ކޮންމެ ދުވަހަކު ފެންނަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުން ވެރިވަގަނެގެން ތިބި ފަލަސްތީނުގެ ބިންތައް އަނބުރާ ހަވާލުކޮށް، 1948 ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރާ ހަވާލުކުރަން އިޒްރޭލަށް މަޖުބޫރުކުރަން ހައިދަރު ހަރުއަޑުން ގޮވާލެއްވިއެވެ.

އިސްރާއީލު ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. ގާތްގަނޑަކަށް 2.2 މިލިއަންގެ އާބާދީއެއް އޮންނަ ޣައްޒާގެ މުޅި އާބާދީ ވަނީ ބަނޑަށް ޖެހިފައެވެ. މުޅި އާބާދީގެ ބޮޑު ބައެއްގެ ގެދޮރު ސުންސާފަތިކޮށްލާފައިވާއިރު، 34،000އަށް ވުރެ ގިނަ އާންމުން ވަނީ ޝަހީދުކޮށްލައިފައެވެ.