އެމްކިޔުއޭގެ އެކްރެޑިޓޭޝަނާއި ޚިލާފަށް ކޯސް ހިންގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން އަންގައިފިއެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގެ މަތީ ތައިލީމުދޭ ބައެއް މަރުކަޒުތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ގޮތާއި ގުޅޭ ގޮތުން އެ އޮތޯރިޓީއަށް އަންނަނީ އެކި އެކި ޝަކުވާތައް ލިބެމުން ކަމަށެވެ. އޭގެތެރޭގައި ޕްރޮގްރާމްގެ އެކްރެޑިޓޭޝާން ދެވިފައިވާ ގޮތާއި ހިލާފަށް ޕްރޮގްރާމްތަކުގެ މޮޑިއުލް ތަކުގެ ގަޑި ހަމަ ނުކޮށް ނިންމަމުން ގެންދާކަން ފާހަގަކޮށްފައިވެއެވެ.

އަދި އެއް ސެމިސްޓާރ ނިމި އަނެއް ސެމިސްޓާ ފަށާއިރު ކިޔަވައިދެއްވާ ލެކްޗަރާއިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ދަރިވަރުންނަށް މާކްސްތައް ނުލިބުމާއި ޕްރޮގްރާމްގެ މުއްދަތު ދިގުވާކަން، އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ކޯސް ފީ އިތުރުވެގެންދާ ކަމަށާއި ލޯކަލް ޕްރޮގްރާމްގެ ގޮތުގައި ހުއްދަ ނަގާފައިވާ ޕްރޮގްރާމްތައް އިްޓަރނޭޝަނަލް ޕްރޮގްރާމްގެ ގޮތުގައި ކަމަށް ބުނެ މައުލޫމާތު ދެމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްކިޔުއޭގެ ގަވާއިދުތަކާއި އުސޫލުތަކަށް ފުށުއަރާ ގޮތަށް ދަރިވަރުންނަށް މައުލޫމާތު ދިނުމާއި ޔުނިވާސިޓީ ޕްރިޕެރޭޝަން ޕްރޮގްރާމް އާއި ޕްރީ މާސްޓާސް ޕްރޮގްރާމް ވަކި ޕްރޮގްރާމެއްގެ ގޮތުގައި އިޝްތިހާރު ކޮށްގެން ހިންގުން ވެސް ހިމެނެއެވެ.

އެމްކިއުއޭ އިން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް އަންނަކަން ކަށަވަރު ކުރުމަށްޓަކައި ޕްރޮގްރާމް އޮޑިޓް ގަވާއިދުގެ ދަށުން "ރެންޑަމް ބެޗް އޮޑިޓް" ކުރިއަށް ގެންދެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މިކަން ތަކުރާރުވާނަމަ އެމަރުކަޒަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ އަންގާފައެވެ. އެފަދަ ކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ކަންކަން ރާވައި ކުރިއަށް ގެންދިޔުމަށް ވަނީ އެދިލައްވާފައެވެ.

މިފަދަ ޝަކުވާތައް އެ އޮތޯރިޓީގެ [email protected] އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމެންޓަށް ވެސް އެ މިނިސްޓްރީގެ ފޯރމް "މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާ ބެލުމަށް އެދޭ ފޯމް މެދުވެރިކޮށް މިނިސޓްރީގެ [email protected]އަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނޫރު

    މިތަން އުވާލާ، އާނިޒާމެއް ގާއިމް ކުރަންވީ، މިއަދު ދުނިޔޭގެ ތައުލީމީ ނިޒާމަކީ ފަސޭހަ ޑިސްޓެންސް ލެއަރނިންގް. ސެޓްފިކެޓް ތައް އެކުރެޑިޓް ކުރަންޖެހޭނީ، ފޮރިން މިނިސްޓްރީން.

  2. Anonymous

    ހަސަންހަމީދުމެން އެމްކިޔުއޭގެ ނިންމުންތަކަށް ގޮންޖަހަމުންދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް އެޅީއެއް ނޫން. މިހާރުވެސް ވާނީ ގާތްގަނޑަކަށް އެވަރުހެން ހީވަނީ. އަބަދުވެސް މިރާއްޖޭގައި ނުފޫޒުގަދަ މީހާ ހިތުހުރި ގޮތަކަށް ތައުލީމީ ދާއިރާގައި ކަންތައްކުރަނީ.