އުއްމީދަކީ އޭޝިޔަން ކެރަމް ޗެމްޕިއަންޝިޕް ފަދަ ގިނަ މުބާރާތްތަށް ރާއްޖޭގައި ބޭއްވުން ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭއްވުނު ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވީ މި ފަދަ ސަރަހައްދީ ބޮޑު މުބާރާތެއް ކާމިޔާބު ކަމާއި އެކީ ނިންމާލެވުމަކީ އުފާ ކުރާ ކަމެއް ކަމަށާއި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް ކުޅިވަރު މުބާރާތް ތަކެއް ރާއްޖޭގައި ބޭއްވުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް މިފަދަ ބޮޑު މުބާރާތެއް ރާއްޖޭގައި ކާމިޔާބު ކަމާއި އެކީ މިވަނީ ނިންމާލެވިފަ. މިއީ ވަރަށް ބޮޑު ކާމިޔާބެއް. އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ގިނަ ކުޅިވަރުތަކެއް ބާއްވާ ދިވެހިންގެ މެހެންމާންދާރީގެ ފުރިހަމަކަން އެހެން ގައުމުތަކަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން. އަދި މިފަދަ ބޮޑު މުބާރާތެއް ކާމިޔާބު ކަމާއި އެކީ ބޭއްވުނީތީ މި ކަމުގައި ބައިވެރިވި އެންމެހާ ފަރާތް ތަކަށް ޝުކުރު އަދާ ކުރަން"

މިނިސްޓަރ ރާފިއު ވިދާޅުވީ ރައީސްގެ ތަސައްވުރާ އެއްގޮތަށް މިފަދަ ގިން ކުޅިވަރު މުބާރާތްތަކެއް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާނެކަމަށާއި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބޭއްވުމަށް އެކި ގޮތްގޮތުން އެހީތެރި ވެދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

އެޕްރީލް މަހުގެ 26 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ސޯސަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހަތް ގައުމަކުން 80 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި 150 އަށް ވުރެ ގިން މެޗު ވަނީ މު މުބާރާތުގައި ކުޅެފައެވެ.

ރޭގެ މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.

އަދި މި ޙަފުލާގައި ޚިދުމަތާއި ޝުކުރުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވުމާއި މުބާރާތް ކުރިއަށްގެންދިއުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ދިވެހި ހުރިހާ އެތުލީޓުންނާއި ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެއްވާފައެވެ. އަދި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރުތެރޭގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގައެވެ.

ހަމައެއާއެކު ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއި ކުޅުންތެރީން ތަމްރީނުކުރުމާއެކު، ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން މަސައްކަތް ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު