ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވާލުމަށް ރާއްޖޭން ގޮވާލުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތައުރީފް އަދާކުރައްވައިފިއެވެ.

ޤާސިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އދގެ ސެކިއުރިޓީ ކައުންސިލްގައި އޮންނަ ވީޓޯކުރުމުގެ އުސޫލު އިންސާފުވެރިކަން ގާއިމުކުރުމުގެ މަގުސަދުގައި އުވާލަންޖެހޭކަމަށާއި ދިވެހި ސަރުކާރުގެ ހުށައެޅުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ދެއްކެވީ އަޑު އަހާ ކޮންމެ މީހަކު ބަލައިގަންނާނެ ވާޙަކަތަކެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި އެ ޖަމާއަތުގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަމުގެ މައްޗަށް އަލިއެޅުއްވި ކަމަށާއި އެ މަގުސަދު ހާސިލުވުމަށް ހުރަހެއްގެ ގޮތުގައި އޮތީ އެންމެ ވީޓޯ ވޯޓަކުންކަން ފާޙަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ވީޓޯ ކުރެވޭ ގޮތަށް އޮތް އުސޫލު ނައްތާލުމަށް ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅެއް އެޅުމަށް، އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭނެ މަގު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މިދިޔަ މަހު ގެންދިއުމުގެ ކުރިން، އެމެރިކާއިން ވަނީ އެ ގައުމަށް ލިިބިފައިވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކޮށްގެން ސަލާމަތީ މަޖިލީހާ ހިސާބުން އެކަން ހުއްޓުވާފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިިވަޑައިގަތުމަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއިރު، މި ގަރާރާ ދެކޮޅުހެދި އެމެރިކާއަކީ އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ބަޔާނުގައި ވިދާޅުވީ އދ.ގެ 140 މެންބަރު ގައުމަކުންނާއި، ސަލާމަތީ މަޖިލީހުގެ 12 ގައުމެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް އެތައް މިލިއަން ބަޔަކު ގޮވާލައި ކުރަމުންދާ ސުލްޙަވެރި އިހުތިޖާޖުގެ އަޑު ވެސް ކަނޑުވާލާފައިވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހަށް އިއްވެވި ބަޔާނުގައި ހައިދަރު ވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފަށް އެދި ގޮވާ ގޮވުމާއި، އެ މީހުން އަމިއްލަ ނިންމުން ނިންމުމަށް އެދި ގޮވާގޮވުމަށް ދެކޮޅު ހެދީ އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން އެންމެ ގައުމެއްކަން ފާހަގަ ކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކު ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ދުނިޔޭގެ ތާރީހުގައި ލިޔަމުން، ފެވެމުންދާ ކަމަށެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ތުއްތު ކުދިން އަމިއްލަ އަތުން މަސައްކަތް ކުރާ މަންޒަރު ކޮންމެ ދުވަހަކު ފެންނަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިޒްރޭލުން ވެރިވަގަނެގެން ތިބި ފަލަސްތީނުގެ ބިންތައް އަނބުރާ ހަވާލުކޮށް، 1948 ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރާ ހަވާލުކުރަން އިޒްރޭލަށް މަޖުބޫރުކުރަން ހައިދަރު ހަރުއަޑުން ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ޢިޒްރޭލުގެ ޕާސްޕޯޓު މަނާކޮއްލަބަލަ

    • Anonymous

      މަނާކޮށްފަ ވާކަން ނޭނގެނީތަ؟

  2. ހުސްބަސްތީ

    ޤާސިމޔ ހަމހޭގަތޯ؟ މިސަރުކާރުން ފޮޑިޔެއް ޖެހިޔަސް ސަނާކިޔަނީ، ވާނުވާނޭންގުމޔގައި މިހާރު ތިޔަ ހުންނެވޫ!

  3. ނަނަނަ

    ގާސިމް ކޯއްޗެއް ބޭނުންވެގެން އުޅޭކަމުގެ އިށާރާތެއްބާ؟

  4. ބުލްބުލް

    އަދިކިރިޔާ ގާސިމް ހަމަހޭޖެހުނީ މިއޮތްހުރިހާދުވަހުގާސިންބެ ހުރީ ހަމަހޭގައެއްނޫ

  5. ޙަސަނާ

    ކުރަންވީ ކަމަކީ ތިކިއާ އެމެރިކާއެކޭ ކިއާ ކަނޑުފޭރޭ ބައިގަޑު އެއްވެސް އެހީއަކާނުލާ އުޅެވެތޯބަލަން އެމީހުންރިސްވަތގެގޮތުގަ ދޭ އެއްވެސްފައިސާއެއް މި އިސްލާމީ ދައުލަތުން ނުހޯދަންވީ އަހަރެމެން ޔޫއެސްއޭ ނުލާ އުޅެންވީ ހިތްވަރުކުރަންވީ ..

  6. ޙަސަނާ

    ކުރަންވީ ކަމަކީ ތިކިއާ އެމެރިކާއެކޭ ކިއާ ކަނޑުފޭރޭ ބައިގަޑު އެއްވެސް އެހީއަކާނުލާ އުޅެވެތޯބަލަން އެމީހުންރިސްވަތގެގޮތުގަ ދޭ އެއްވެސްފައިސާއެއް މި އިސްލާމީ ދައުލަތުން ނުހޯދަންވީ އަހަރެމެން ޔޫއެސްއޭ ނުލާ އުޅެންވީ ހިތްވަރުކުރަންވީ .. އި