ރާއްޖޭގެ ހަތް ވަޒީރަކު މެއި މަސް ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، މެއި މަހުގެ ދުވަސްތަކުގައި ސަރުކާރުގެ ވަޒީރުން އެކި ގައުމުތަކަށް ދަތުރުފުޅުތައް ކުރައްވާނެ ކަމަށެވެ.

އޭގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިހާރު ހުންނެވީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައެވެ. ވަޒީރު ޔޫއޭއީއަށް ވަޑައިގެންނެވީ ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓްގައި ބައިވެރިވަޑައިގަތުމަށެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މި މަހު ލަންޑަނަަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ވަޒީރު ވަޑައިގަންނަވަނީ ފައިނޭންޝިއަލް ސާވިސްގެ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަތުމަށެވެ. ހީނާ ވިދާޅުވީ، މި ބައްދަލުވުންތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސްގެ އޮތޯރިޓީގެ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ލަންޑަންގައި ހަރަކާތްތެރިވާ މާލީ އިދާރާގެ އިސް ފަރާތްތަކާއި އެކީގައި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ،". ހީނާ ވިދާޅުވިއެވެ.

އަދި ކޮމަންވެލް އެޑިއުކޭޝަން މިނިސްޓަރސްގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ތަޢުލީމީ ވަޒީރު ޑރ. އަބްދުﷲ ޝަފީއު ލަންޑަނަށް ވަޑައިގަންނަވާއިރު، އެ ބައްދަލުވުމަށް ފަހު 20 ވަނަ ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ވަޒީރު ބައިވެރިވަޑައިގަންނަވާނެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ފުރާވަޑައިގަންނަވާއިރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އުޒްބިކިސްތާނަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ރާފިއު އުޒްބިކިސްތާނަށް ވަޑައިގަންނަވަނީ 19 ވަނަ އޭޝިއާ އޯޝޭނިއާ ރީޖަން އިންޓަގޮވަމެންޓަލް މިނިސްޓްރީއާ މީޓިންގ އޮން ސްޕޯޓްސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ހީނާ ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ތައިލެންޑްްގެ ބެންކޮކްްއަށް މި މަހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، އެއީ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް އެގްޒިބިޝަންގައި ބައިވެރިވަޑައިގަތުމަށް ކުރައްްވާ ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މީގެ އިތުރުން ހާރިޖީ ވަޒީރު މޫސާ ޒަމީރް އިންޑިއާއަށް ވަޑައިގަންނަވާ ދަތުރުފުޅުގެ ވާހަކަވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމަދު

    ސަރުކާރު އޮފީސްތަކުގެ ބަޖެޓް ކަނޑާލާފަ މިނިސްޓަރުން ދަތުރު ތަކުގައި.

    2
    1
  2. ހައްހައް

    ފެށުނީ

    2
    1