ރާއްޖޭގައި ޗިކަންގުންޔާ ކޮންޓްރޯލް ނުވެ، މުޖުތަމައުގައި ފެތުރިގެން ނުދާނެ ކަމަށާއި، އުއްމީދަކީ އެއީ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ޑެންގީ އާއި ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޗިކަންގުންޏާ އަކީ ބްރޭކްޑައުންއެއް ކަމަށް ރަސްމީކޮށް އިއުލާން ކޮށްފައި ނުވިޔަސް ކިހާ ވަރެއްގެ ސީރިއަސް ކަމާއެކު ސަރުކާރުން މިކަމަށް ބަލާތޯ ނޫސްވެރިއަކު ކުރި ސުވާަލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ސިއްހީ ވުޒާރާއިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ޗިކަންގުންޔާގެ ވޭދަނަތައް މޮނީޓަރ ކުރައްްވާ، ރައްޔިތުންނަށް ދޭން ޖެހޭ މަައުލޫމާތު ވަރަށް ފުރިހަމައަށް ކުރައްވަމުން ކަމަށެވެ.

"އެފަދަ ހާލަތަކަަށް ދިޔަ ކަމަކަށް އަދި ހެލްތް މިނިސްޓްރީންވެސް އަދި އެޗްޕީއޭއިންވެސް އިން އިއުލާން ކުރައްވާފައެއް ނުވޭ، ވައިރަލް ކޭސްތައް ދޭތެރެ ދޭތެރެއިން ހަމަ އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުންދާ ކޭސްތައް، ކޮވިޑަށް ފަހު މިކަހަލަ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވޭ.". ހީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަހަަލ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށެވެ. އަދި އުއްމީދަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭ އިން ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑެންގީ އާއި ޗިކަންގުންޔާ އިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކާއި ފަރުވާ ވެސް ބުނެދީފައިވެއެވެ.

ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެޓެމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވެ، އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އޭގެ ތެރެއިން ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޭ މޫސާ

    ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތަކުގެ ނަންތައް ރަގަޅަށް ލިޔެފައި ވާތަން ފެނުމުން ވަރަށް އުފާ ވެއްޖެއެވެ. މިއީ ގިނަ ނޫސް ތަކުން ނުފެންނަ ކަމެކެވެ.