ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާ އެ ދުވަހުވެސް ކުށްވެރި ކުރާ ފަދައިން މިއަދު ވެސް އެ އަމަލު ކުށްވެރި ކުރައްވާ ކަމަށާއި އެފަދަ އަމަލުތަކާއި ދެކޮޅު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ މޭ 6، 2021 ގައެވެ. އެ ހަމަލާއަށް އިއްޔެ ތިން އަހަރު ވަނީ ވެފައެވެ. އެ ހަމަލާއާ ގުޅިގެން އެކުލަވައިލާފައިވާ އިންކުއަރީ ރިޕޯޓަށް ފުރިހަމައަށް އަމަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ވަޒީރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީ އިން އިންކުއަރީ ހަދަން 100 އަށް ގިނަ ބައްދަލުވުން ބޭއްވުނު ކަމަށެވެ. އެ އިންކުއަރީ އިން ދެނެގަންނަން ބޭނުންވި އެންމެ މުހިންމު ކަންކަން ދެނެގަނެވުމަކީ ނަޝީދަށް އިންސާފު ނުލިބުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންސާފު ހޯދައި ދެއްވުމަށް "ބައެއް މަޖިލިސް މެމްބަރުން" ރެއާއި ދުވާލު ކުރެއްވި މަަސައްކަތުގެ ހަނދާންތައް އާ ވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ކުޅަދާނަ ޑޮކްޓަރުން ނަޝީދުގެ ފުރާނަ ސަލާމަތް ކުރެެއްވުމަށް ކުރެއްވި މަސައްކަތަށް ވަނީ ސާބަސް ދެއްވާފައެވެ.

މީގެ 10 އަހަރު ފަހުން ވެސް އެ އިންކުއަރީ އަލުން ހަދައިފިނަމަ އެ ދުވަހު ދެނެނުގަނެވުނު ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ދިން ނުރައްކާތެރި ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އެ ދުވަހުގެ ހަމަލާއާ ގުޅިގެން ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުވިލާތުން ވެސް ފަރުވާ ހޯއްދަވާފައެވެ.

ހަމަލާއާ ގުޅިގެން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށް ވަނީ މި މައްސަލާގައި ދައުވާތަކެއް ވެސް އުފުލާފައެވެ.

މި ހަމަލާއަށްފަހު 3 އަހަރު ފާއިތުވުމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ވަނީ އެ ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ލާދީނީމީހާ އަމިއްލައަށް ކުރި ކަމެއް ކުއްވެރިކުރަންޖެހޭނެއެވެ. ލާދީނީމީހާ ކޮށްފަ ނުކުރާނެ ކަމެއް ނޭނގޭނެއެވެ. ހިނދުކޮޅު އަންނަހިނދު ލާދީނީމީހާ ކޮންމެ ކަމެއް ވެސް ކޮށްފާނެއެވެ.

  2. ޒިފޫ

    އެއްވެސް މީހަކާ ޒާތީނުވެ މިފަދަ ޢަމަލު ހިންގާ މީހުންގެ ތަޙުޤީޤުތައް ސީރިއަސްކޮށް ކުރެވި އެމީހުން ޝަރީޢަތުގެ ކުރިމައްޗަށް ގެނެވި އަދުލު ވެރި އަދަބު ދެވެން ޖެހޭ. މިފަދަ ކަންކަމަކީ ޒާތީވާންޖެހޭ ބާވަތުގެ ކަންކަމެއް ނޫން. މިފަދަ ކަންކަމަކީ ސިޔާސީ ކަންކަމެއްނޫން.