ޖިނާއީ ކުށެއްގެ ތަހުގީގަށް ވިލިމާލޭ ޕޮލިސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓާ މީހަކު ފިލުމުން ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

ޖިނާއީ ބަންދެއްގައި ހުއްޓާ ފިލާފައިވާތީ ދައުވާކޮށް ކުށް ސާބިތުވެފައިވަނީ ކ. މާލެ، މ. މެކޯނާ، މުހައްމަދު ޝާހީންގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު 16:00 ހާއިރު ޝާހީންގެ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ވިލިމާލޭ ޕޮލިސްޓޝަނުގެ ރިސެޕޝަން އޭރިއާގައި ބައިންދާފައި އިންދާ އެ ދުވަހުގެ 17:00 ހާއިރު އޭނާ އެތަނުން ފިލާފައިވާ ކަމަށެވެ.

ކޯޓުގައި ހެކިބަސް ދެމުން ފުލުހަކު ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ޝާހީނު ހައްޔަރުކޮށްގެން ވިލިމާލޭ ޕޮލިސްޓޭޝަނަށް ހާޒިރުކޮށްފައިވަނިކޮށް އޭނާ އަށް ދިން ފެންފުޅި ހުސްވުމުން ފެން އަޅައިދޭން ބުނި ކަމަށެވެ. އަދި ފެން އަޅަން ފުޅި ނެގިތަނުން ޝާހީނުގެ އަމަލުތައް ހުރިގޮތުން ދުއްވައިގަންނަން މަސައްކަތް ކޮށްފާނެ ކަމަށް ހީކޮށް ހިފަހައްޓަން އުޅެނިކޮށް އޭނާ ތެދުވެގެން ދުއްވައިގަތް ކަމަށެވެ. އަދި ދުވެފައި އޭނާއަށް ދެވުނީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާ ހިސާބަށް ކަމަށާއި އެތަނުން އޭނާ ހައްޔަރުކޮށް އަލުން ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ އޭނާ ހައްޔަރުކޮށްފައިވަނީ ބިޑި ނާޅުވައި ކަމަށާއި އެކަމަކު ފިލަން މަސައްކަތްކުރުމުން ދެވަނަ ފަހަރަށް ހައްޔަރުކުރީ ބިޑިއަޅުވައިގެން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާގެ އަމަލުތަކުން އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އޭނާގެ ކުޑަކަމުދާތަކެތި ނަގައި ތަހުލީލު ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

ދައުލަތުން ޝާހީނުގެ މައްޗަށް ކުރި ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އޭނާއާއި ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

މި ދައުވާ އާއި ގުޅިގެން ހުލާސާކޮށް ވާހަކަ ދެއްކުމަށް ޝާހީނަށް ފުރުސަތު ދިނުމުން އޭނ ާބުނީ އެކަމާމެދު ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

މި މައްސަލައިގައި އޭނާ އަށް އަންނަ ްއަދަބަކީ ހަތަރު އަހަރާއި 24 ދުވަހަށް ޖަލަށްލުން ކަމަށް އޭނާ ގާތު ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަދަބާގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެން ކަމުން ޝާހީންގެ މައްޗަށް ހަތަރު އަހަރާއި 24 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިގައުމުގަ ހުކުމް ހިނގާނެ ވަރަށް ރަނގަޅައް ، ރާއްޖޭގެ ދައުލަތް ދަވާލާފަ ތިބޭ މީހުން މިނިވަންކަންމަތީ އަތުން ފައިން މަސައްކަތެއް ނުކޮއް އުޅޭއިރު ވާކަމެއްނެތް.