އިންޑަސްޓްރިއަލް ޒޯނަށް ކުނި ހިފައިގެން އަންނަ ވެހިކަލްތައް ވަނުން މަނާކޮށްފިއެވެ.

މާލެސިޓީ ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އާމިނަތު ޝަތުފާ ޝަފީއު "ވަގުތު" އަށް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނަށް ކުނި ހިފައިގެން އަންނަ ވެހިކަލްތައް ވަނުން މަނާކޮށްފައިވާއިރު ޕެޓްރޯލް ޝެޑް ހުންނަ ސަރަހައްދަށް ވެހިކަލްތަކަށް ވަދެވޭނެ ކަމަށެވެ.

ގޮނޑަކަށް ވެފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ މަސައްކަތުގެ ތެރއިން 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އިންޑަސްޓްރިއަލް ޒޯން ސާފްކޮށްފައި - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

އިންޑަސްޓްރިއަލް ވިލެޖް ސާފް ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. އެ ހަރަކާތުގެ ވެމްކޯއާއި ސިޓީތަކާއި ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބެވޭ ވުޒާރާ އާައި އެމްޕީއެލްއާއި ފުލުހުން ވެސް ބައިވެރިވާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އިންޑަސްޓްރިއަލް ޒޯން ސާފްކޮށްފައި - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

އިންޑަސްޓްރިއަލް ވިޖެލް ސާފުކުރަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ ބަލަިތައް އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮށްޖެހި، ފުރި ބާރުވެފައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަަނުން ގނަ ސަރަހައްދުތަކުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު