އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން ޑްރަގް ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރާ ޒުވާނުންތަކެއްގެ ބަންދުގެ މުއްދަތު ކްރިިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18، 19 އަދި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށްް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ. އެ މުއްދަތު ހަމަވެގެން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.

ބަންދު އަމުރުތަކުގައި ބުނެފައިވަނީ މި ތިން މީހުންނަަކީ އިތުރުބަޔަކާއެކު، މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބައެއް ކަމަށެވެ. އެ ތިން މީހުންގެ ބަންދު އަމުރުތަކުގައިވާ ގޮތުން އެ ތިން މީހުން އަތަށް ވެސް އެހެން މީހަކު ކަރުދާސް ކޮތަޅެއް މަގުމަތިން ދިން ތަން ފުލުހުންނަށް ވަނީ ފެނިފައެވެ. އެ އަމުރުތަކުން ކޮތަޅު ދިނީ ކާކު ކަމެއް އެނގޭކަށް ނެތެވެ.

ފުލުހުން ފެނުމުން މަސްތުވާތަކެތި ހުރި ކޮތަޅު އެއްލާލި ކަމަށާއި، އެމީހުންގެ ހާޒިރުގައި ކޮތަޅު ބަލައި ފާސްކުރިިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ކޮތަޅު ތެރެއިން ފެނިފައިވާ ކަމަށް އަމުރުގައިވެއެވެ.

އުމުރުން 19 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާގެ ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުންނާ ގުޅުން އޮތް އެޕާޓްމެންޓަކުން ހާމަކަންބޮޑުކޮށް ބަހައްޓާފައި ހުރި މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދު ކުރާ އާލާތްތައް ފެނިފައިވެއެވެ. އެ އެޕާޓްމެންޓަކީ 19 އަހަރުގެ މީހާގެ ނަން މަތީގައި ނަގާފައިވާ ތަނެއް ކަމަށާއި ކުލި ދައްކާފައި ވަނީ 23 އަހަރުގެ މީހާގެ އެކައުންޓުން ކަމަށް އަމުރުގައިވެއެވެ.

އެ ދެ މީހުންނާ ދެކޮޅަށް ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓެއް ވެސް ހުށަހަޅައިފައެވެ. ކްރިމިނަލް ކޯޓުން ބަންދު ކުރި އިރު ނިންމާފައި ވަނީ ތުހުމަތެއް އުފެދޭ ވަރަށް އެ މީހުންނާ ދެކޮޅަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އެ ތިން މީހުން ވެސް ބަންދު ކުރީ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޕާރޓްމަންޓް ކުއްޔަށް ދޭއިރު؟؟؟

    19 އަހަރުގެ ކުއްޖަކަށް އެޕާރޓްމަންޓް ކުއްޔަށް ދިންއިރު، ހަމަ އެކައްޗެކޭ ވެސް ހިތަށް ނާރަނީބާ؟