ދަ ރެންޓްއޯލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ދުވާލަކަށް 189.99 ރުފިޔާ ދައްކާ ގޮތަށް މީހަކު ކުއްޔަށް ގެންދިޔަ ބެޓްރީ ޑްރިލް އަކަށް ކުލީގެ ފައިސާ ދައްކާފައި ނުވާތީ، އެ ކުންފުނީގެ ފަރާތުން ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައި، 23789.20 ރުފިޔާ ދެއްކުމަށް އަންގައިފިއެވެެ.

ދަ ރެންޓްއޯލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައުވާ ކޮށްފައިވަނީ މި ދައުވާގައި ހިމެނޭ ތަކެއްޗާއި، ތަކެއްޗަށްވާ ކުލީގެ ފައިސާ އާއި ސޮއިކުރި އެގްރީމެންޓްގައި ބަޔާންކުރެވިފައިވާ ފައިސާ، 6 ޕަސެންޓު ޖީއެސްޓީއާއެކު ޖުމްލަ 20909.11 ރުފިޔާ ދައުވާ ލިބޭ ފަރާތުގެ ކިބައިން އެކީ އެއްފަހަރާ ހޯދުމަށްށެވެ.

ދައުވާލިބޭ ފަރާތުން ދުވާލަކަށް 189.99 ރުފިޔާގެ ރޭޓުން އެއް ބެޓްރީ ޑްރިލް ގެންގޮސްފައިވަނީ 180 ދުވަހަށެވެ. އަދި އެ ޑްރިލް ކުއްޔަށް ގެންގޮސްފައިވަނީ އެއް ދުވަހުގެ ކުއްޔަށްވާ 189.99 ރުފިޔާ ދެއްކުމަށްފަހުގައެވެ. ދަ ރެންޓްއޯލް ކޮމްޕެނީ ދައުވާ ފޯމުގައި އެދިފައިވަނީ 89 ދުވަހަށް 189.99 ރުފިޔާގެ ރޭޓުން އެކު ޖުމްލަ 16،909.11 ރުފިޔާ ދެއްކުމަށް އެންގުމަށެވެ.

އެހެންނަމަވެސް، މި މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް، 31 މެއި 2022 ގައި ދައުވާލިބޭ ފަރާތުން ޑްރިލް ހަވާލުކޮށް، 25 އޯގަސްޓު 2022 ގައި 1500 ރުފިޔާ ދައްކާފައިވެއެވެ. އެ ފައިސާ އަކީ ކުލީގެ ގޮތުގައި ދައްކާފައިވާ 1415.09 ރުފިޔާއާއި 6 ޕަސެންޓު ޖީއެސްޓީގެ ގޮތުގައި ދައްކާފައިވާ 84.91 ރުފިޔާއެވެ.

އެހެންނަމަވެސް، ދަ ރެންޓްއޯލް ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައި ވަނީ މައްސަލަ ހުށަހެޅި ފަހުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޖީއެސްޓީ ރޭޓް 8 ޕަސެންޓަށް ބަދަލުވެފައިވާ ކަމާއި ދައުވާލިބޭ ފަރާތުން ކުއްޔަށް ނެގި ޑްރިލް ހަވާލުކޮށްފައި ވަނީ 130 ދުވަސް 19 ގަޑިއިރު 59 މިނެޓް 8 ސިކުންތު ފަހުންކަމުގައި ވާތީ، ދުވާލަކަށް 179.24 ރުފިޔާގެ ރޭޓުން އެ މުއްދަތަށް 8 ޕަސެންޓު ޖީއެސްޓީއާއެކު ޖުމްލަ 23،789.20 ރުފިޔާ ދައުވާލިބޭ ފަރާތުން ދައްކަންޖެހި ނުދައްކައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި ހުކުމުގައި އަންގާފައި ވަނީ 23،789.20 ރުފިޔާ 6 މެއި 2024 އިން ފެށިގެން 7 ދުވަސް ތެރޭގައި ސިވިލް ކޯޓަށް ދަައްކާ ޚަލާސް ކުރުމަށެވެ.

ދައުވާކުރާ ފަރާތުން ވަކީލަށް ހަރަދު ކުރި 4000 ރުފިޔާ ނަގައިދިނުމަށް ކޯޓުގައި އެދިފައިވީނަމަވެސް، ކޯޓުން ނިންމާފައި ވަނީ އެ ފައިސާއަކީ ދައުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅޭނެ ޝަރުއީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

މި މައްސަލައަށް ދައުވާލިބޭ ފަރާތް ޖަވާބު ހުށަހަޅާފައި ނުވާތީއާއި، ދައުވާލިބޭ ފަރާތް ކޯޓަށް ހާޒިރުކުރުމަށް މަސައްކަތްކޮށް ކޯޓަށް ހާޟިރުވެފައި ނުވާތީ މި މައްސަލަ ކުރިއަށްގެންގޮސްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައި ދައުވާއަށް އިންކާރުކުރާ ކަމަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    23000 މަދު ތިޔަނެގި މީހާގެ މުޅި ދިރިއުޅުން ދަވާލާ އޭރައް ކަމެއް ކުރެވުނު ކަމައްވާނީ.

  2. Anonymous

    6 ޕަސެންޓް ގަ ނެގި އެއްޗަކައް ނުޖެހޭނެ ޕަސެންޓައް ހަދައިގެން ދައްކާކައް.

  3. ޝިޔާމް

    ދައުވާލިބޭ ފަރާތުން ދުވާލަކަށް 189.99 ރުފިޔާގެ ރޭޓުން އެއް ބެޓްރީ ޑްރިލް ގެންގޮސްފައިވަނީ 180 ދުވަހަށެވެ.

    އެހެންވީމަ އެނާ އޭތި ކުއްޔަށް ގެންދިޔައީ 34,200 އަށް 180 ދުވަހަށް. އެ ރުފިޔާއިން އޭނާއަށް ޑްރިލް ފިހާރައެއް ހުޅުވިދާނެ..

  4. ބުރުމާ

    ޑްރިލް އަށް ދިވެހިން ކިޔަނީ ބުރުމާ

  5. ޒާ

    ޑްރިލް ކިޔަސް "ބުރުމާ" ކިޔަސް ވާނީ ހަމަ އެޗައްޗަކަށް. އަނެއްކާވެސް ބުރުމާގެ އަޑު އިވެން ފެށީ.