ނުރައްކާތެރި ސައިޑް އިފެކްޓެއް ކުރިމަތިވާ ކޮވިޝީލްޑް ވެކްސިން ދުނިޔޭގެ އެކި ބާޒާރުތަކުން ނަގަން އެ ވެކްސިން އުފެއްދި އެސްޓްރާޒެނެކާ ކުންފުނިން ފަށައިފިއެވެ.

އިނގިރޭސިވިލާތާއި ސްވިޑެންގެ ބޭސް އުފައްދާ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނިކާގެ ކޮވިޝީލްޑް ވެކްސިން އުފެއްދީ އޮކްސްފޯޑާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާ ގުޅިގެންނެވެ.

ކޮވިޝީލްޑްގައި ނޭދެވޭ އެތައް ސައިޑް އިފެކްޓްތަކުގެ ސަބަބުން ގެއްލުންވި ބައެއް މީހުން އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ބައެއް ހާލަތްތަކުގައި އެ ވެކްސިން ޖެހުމުން ހަށިގަނޑުގައި ލޭގެ ޕްލެޓްލެޓް ދަށްވެފައި ލޭ ގަނޑުވާ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

އެސްޓްރާޒެނިކާއިން މިކަމަށް އެއްބަސްވުމާއި ގުޅިގެން ދުނިޔޭގައި ބޭސްވިއްކާ އެކި މާކެޓްތަކުން ވަނީ އެ ވެކްސިން ވިއްކުން ހުއްޓާލާފައެވެ. އަދި އެ ވެކްސިން ޕާމަސީތަކުން ދަނީ ނަގަމުން ކަމަށް ވެސް ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުގައި އެ ވެކްސިން ވިއްކުން މިހާރު ވަނީ ހުއްޓާލައިފައެވެ.

އެހެންނަމަވެސް، އެ ވެކްސިން އުފެއްދުމާއި ސަޕްލައި ކުރުން ހުއްޓާލީ ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ކަމަށް ކަމަށް އެ ކުންފުނިން ނުބުނެއެވެ. އެ ކުންފުނިން ބުނެފައި ވަނީ އެ ނިންމުން ނިންމީ ވިޔަފާރީގެ ސަބަބުތަކަށް ޓަކައި ކަމަށާއި، ކޮވިޝީލްޑް ވެކްސިން ހުއްޓާލިޔަސް، ކޮވިޑްގެ ފަހުގެ ވޭރިއަންޓުތަކާ ދެކޮޅަށް އުފެއްދި އާ ވެކްސިންތައް ވިއްކަމުންދާނެ ކަމަށެވެ.

އެސްޓްރާޒެނިކާއިން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިނަކީ ރަނގަޅު ވެކްސިނެއް ނަމަވެސް ކޮންމެވެސް ވަރަކަށް ވެކްސިންގެ ސައިޑްއިފެކްޓް ހުންނާނެ ކަމަށެވެ. ލޭގަނޑުވުމަކީވެސް އޭގެ ސައިޑްއެފެކްޓެއް ކަމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އެއީ ވަރުން މަދުން ބައެއް މީހުންނަށް ދިމާވާ ހާލަތެއް ކަމަށެވެ.

މި ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްކައިގެން އެ ކުންފުނިން ވަނީ އެތައް މިލިޔަން ޑޮލަރު ހޯދާފައެވެ. އެގޮތުން 150 ގައުމަކަށް މި ވެކްސިން ވިއްކާފައިވެއެވެ.

އެ ވެކްސިންގެ ޖެހުމުގެ ސައިޑް އިފެކްޓްތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި 80 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، އެސްޓްރާޒެނެކާއިން ބުނަމުންދަނީ އެ ކުންފުނީގެ ވެކްސިންގެ ސަބަބުން ކޮވިޑްގެ ތެރޭގައި 6.5 މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖޭގައިވެސް ގިނަ އަދަދެއްގެ މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވެއެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހިލޭވެސް ގިނަ ގައުމުތަކަށް ފޯރުކޮށްދީފައިވާއިރު ރާއްޖެއަށްވެސް ވަނީ އެއް ލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހނހ

    މަޖުބޫރު ކުރުވައިގެން ޖަހުވާފަ ދެން ކީއްކުރަން ނަގަނީ

  2. ހުސޭނުބޭ

    ޖަހާނެ ވަރަކަށް ތިޔެއް ޖަހާ ނިމުނީމަތަ ބާޒާރުން ނަގަނީ!

  3. ބޮރި

    އެންމެން ގަޔަށް ޖަހާނެ ވަރަކަށް ޖަހާ ނިމުނީމަ ދޯ ނަގަން އެނގުނީ..އޭރުވެސް އާއްމު ރަށްޔިތުންގެ ބަޔަކު ތިޔަ ވެކްސިންތަކާ ދެކޮޅަށް ވާހަކަ ދެއްކި..އެކި އެކި ހިދުމަތްތަކުން މަހުރޫމްކުރުވުމުގެ ބިރު ދައްކައިގެން މަޖުބޫރުކޮށްގެން އާއްމުންގެ ގަޔަށް ޖެހުވީ..އަހަރެމެން ހުރީ ތިއެއްޗެއް ޖަހާ ގޮތަކަށް ނޫން..

  4. Anonymous

    މިދިވެހި ގައުމުގަ އަހަރެންގަޔައް ވެކުސިން ޖެހުވީ މަޖުބޫރު ކޮއްގެން.

  5. މުޙައްމަދު

    ވެކްސިންޖެހުމާއި ދެކޮޅުހަދަނީނުން އެކަމަކު ހުރިހާވެކްސިނެއްވެސް ރަނގަޅުތޯ ބަލަންޖެހޭ!

  6. ވަގުންގެ ރާއްޖެ

    ނިމުނު ސަރުކާރުން މަޒުބޫރު ކޮށްގެން އަހަރެމެން ގަޔަށް ވެކުސިން ޖެހި
    ފަހުން އެހުނީ ލޭ ގަޑު ވާކަން
    ޓެސްޓަށް ރާއްޖެޔަށް

  7. އިންސާފު

    ރަޔިތުންނަށް ބުލީކޮށް ޕްރެށަރުކޮށް މަޖުބޫރުކޮށް ތި ވެކްސިން ޖެހުވި ނިމިދިޔަ ސަރުކާރުގެ ބޮޑުންނަށް ދައުވާކުރަން ޖެހޭނެ !