މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ސަރުކާރު ގާއިމްވި ފަހުން މިހާތަނަށް މިސްކިތްތަކުގެ މަރާމާތަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. އެއީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މިސްކިތްތަކުގެ މަރާމާތާއި މިސްކިތްތައް ބިނާ ކުރާ ކުންފުނިތަކަށް 27 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު މި ސަރުކާރުން ވަނީ އެ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައި ކަމަށެވެ.

އިސްލާމީ ކަންތަައްތަކާބެހޭ ވަޒީރު ބާއްވަވާ ނޫސްވެެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

"މިހާރު ހިނގަމުން 42 މަޝްރޫއެއް ހިނގަމުން އެބަ ދޭ. އޭގެ ތެރޭގައި ފުވައްމުލަކުގައި ގާއިމްކުރާ ކީރިތި ގުރުއާނާ ބޭހޭ މަރުކަޒަކާ. އައްޑޫ އާއި ދިއްދޫގައި ގާއިމްކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ހިމެނޭ. އަދި އޭގެ ތެރޭގައި ވެރިކަމާއި ހަވާލުވިއިރު ހުއްޓިފައި ހުރި ބައެއް މަޝްރޫތައް ވެސް ހިމެނޭ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ބަޖެޓް ހަދާފައި ހުންނަ އިރު ދެ މިލިއަން ހަރަދުވާ މަސައްކަތްތަކަށް އެއް މިލިއަން ޖަހާފައި ހުންނަ ކަމަށާއި އެހެންކަމުން މިސްކިތްތަކުގެ މަސައްކަތްތައް ކުރާއިރު މާލީ ގޮތުން ދަތިތަކާ ދިމާވާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ހައްލުކޮށް އެ މަޝްރޫތައް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިސްލާމީ ކަންތަައްތަކާބެހޭ ވަޒީރު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން-- ވަގުތު އިމޭޖަސް: އާދިން މޫސާ ލަތީފް

"އަމިއްލަ ފަރާތްތަކަށް ވެސް ވާނެ 10 ޕްރޮޖެކްޓެއް ހަވާލުކޮށްފައި. އޭގެ ތެރޭގައި ހިމެނޭ މާލޭގައި ކުރިއަށްގެންދާ ދެ މަޝްރޫއަކާއި ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫތަކެއް. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ މިސްކިތްތައް މި އަހަރާއި އަންނަ އަހަރުގައި ހުޅުވިގެންދާނެ. އެ މިސްކިތްތަކަކީ ރީތި އަގުބޮޑު މިސްކިތްތަކެއް. ފޭސް 2 ވެގެންދާނެ ރާއްޖޭގެ ސިޓީއެއްގައި އަޅާ އެންމެ ރީތި މިސްކިތްތައް ހުންނަ ސަރަހައްދަކަށް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ލަސްކަމުގެ އިހްސާސްވިޔަނުދީ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި މިސްކިތްތައް އަވަހަށް އަޅާ ނިންމުމަކީ ރައީސް މުއިއްޒު ވެސް ދެއްވާފައިވާ އިރުޝާދު ކަމަށް ވިދާޅުވިއެވެ.