ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި ހިނގާ މެއި 28 ގައި ބާއްވަން އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މި ޖަލްސާގައި ދުރާލާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. މިއީ އޮންލައިންކޮށް ވެސް ބައިވެރިވާ ޖަލްސާއެއް ކަމުން ބީއެމްއެލް އިން ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ ބޭންކުން ބުނީ މި ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމާއި 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މާޗްގައި ނިންމާފައި ވަނީ ހިއްސާއަކަށް 50ރ. ގެ މަގުން 269،069،000ރ. ބެހުމަށެވެ. ހިއްސާ ބަހާނީ މެއި 15، އާ ހަމައަށް ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ހިއްސާ ބަހާނީ އަހަރީ އާންމު ޖަލްސާގައި އެކަން ފައިނަލް ކުރުމަށްފަހެވެ.