ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރުގައި ތިބި 5 ކުދިންގެ ތެރެއިން 2 ކުދިންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ކުދިން މިހާރު ތިބީ އެކޮމޮޑޭޝަންގައި ކަމަށާއި ހާލުވެސް ވެސް ރަނގަޅު ކަމަށެވެ. އަދި ބާކީ ތިބި ތިން ކުދިންގެ އޮޕަރޭޝަންގެ ކަންތައްތައް ވެސް ވަރަަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުން ހަދާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރޭގައި 5 ކުދިން އަދި އަހަރުގެ ފަހު ކޮޅުގައި 5 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށެވެ.

އަދި ސަރުކާރުން ކުރާ މަސައްކަތުން ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ 720،000 އަކަފޫޓުގެ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ވެސް ސަރުކާރުން ސޮއިކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެއެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވަނީ އިލްތިމާސްކޮށްފައެވެ.

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މީގެ ކުރިން ވެސް ކުދިން ބޭރަށް ފޮނުވިއެވެ. އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަރުދަނާގޮތެއްގައި މިކަން ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 941 ކުދިން އެބަތިއްބެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ލޭ އަޅާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދީ، ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ސިޔާސަތެއް އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފައިވެއެވެ.