ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ އދ. މާމިގިލިއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާމިގިއްޔަށެވެ. މާމިގިލިއަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އައްޑޫ ހިތަދޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީގެ ގަމަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް:

  • ބ. ގޮއިދޫ - 26 މިލިމީޓަރު
  • އއ. ތޮއްޑޫ - 19.7 މިލިމީޓަރު
  • އދ. މާމިގިލި - 103 މިލިމީޓަރު
  • މ. މުލި - 43.5 މިލިމީޓަރު
  • އައްޑޫ ހިތަދޫ - 68.3 މިލިމީޓަރު
  • އައްޑޫ ގަން - 44 މިލިމީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.