ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ވަގަށް ނެގި ކަމަށް ބުނާ ސައިކަލަކީ ދެކެފަރިތަ ރައްޓެއްސަކު ހޮސްޕިޓަލަށް ދިޔުމަށް ދިން ސައިކަލެއް ކަމަށް މީހަކު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އަމުރުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ މި ސައިކަލަކީ އޭނާ ދެކެފަރިތަ ރައްޓެއްސަކު ސައިކަލު ސްޓާޓް ކުރުމަށްފަހު ތަޅުދަނޑި ނަގައިގެން އޭނާ ހޮސްޕިޓަލަށް ދިޔުމަށް ދިން ސައިކަލެއް ކަމަށެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ސައިކަލެއް ވަގަށް ނުނަގާ ކަމަށެވެ.

އަމުރުގައިވާ ގޮތުން އޭނާ އަކީ ބަންދާއި ހައްޔަރު ރެކޯޑު ގިނަ މީހެކެވެ. އެހެންކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް އަމުރުގައިވެއެވެ.