ވަޅިއަކުން ބިރު ދެއްކުމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ފުލުހުން އޭނާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތުކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަސް ބަންދަށް ޖަހާފައެވެ.

އެ މީހާ ކޯޓުގައި ބުނެފައިވަނީ އެ މައްސަލައިގައި ވަކީލަކު ބޭނުންނުވާ ކަމަށެވެ. އަދި އޭނާ އަކީ ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންދާ މީހެއް ކަމަށާއި މާލެ އައީ ބޭސް ފަރުވާއަށް ކަމަށެވެ.

މީގެ އިތުރުން، އޭނާ ބުނެފައިވަނީ އެއްވެސް މީހަކަށް ވަޅިއަކުން ބިރު ދައްކާފައިނުވާ ކަމަށެވެ. އަދި ސީނަށް ދިޔަ ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު ކޯޓުގައި ކުރިއެވެ.

އޭނާ ނޭޝަނަލް ޑުރަގް އެޖެންސީއަށް ދިޔައީ އޭނާގެ ފޯނާއި ވޮލެޓު ނަގަން ކަމަށްވެސް ވަނީ ބުނެފައެވެ. ބެލެވޭ ގޮތުގައި އޭނާއަށް ތުހުމަތު ކުރެވޭ ބިރު ދެއްކުމުގެ އަމަލު ހިންގާފައި ވަނީ އެތަނުގެ ތެރޭގައެވެ.

މިކަމާ ގުޅިގެން ގާޒީ ވަނީ ނެޝަނަލް ޑްރަގް އެޖެންސީއާ ވާހަކަ ދައްކައިގެން އޭނާ އަކީ ފަރުވާ ބޭނުންވާ މީހެއް ކަމުގައިވާނަމަ، އެ އެޖެންސީގެ އިރުޝާދާ އެއްގޮތަށް ފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަނގާފައެވެ.

ބަންދު އަމުރުގައި ވާގޮތުން އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އޭނާ އަކީ ބަންދާއި ހައްޔަރުގެ ރެކޯޑު އޮތް މީހެއް ކަމަށާއި ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހުދީ

    ކީވެތޯ މީނާއަށް 15 ދުވަސް ޖެހީ، އިއްޔެ އެއަރފޯޓުން މާރާމޭރީ ހިންގިމީހާއަށް ނުޖަހާ މުއްދަތެއް. މިއީތޯ ދިވެހީންގެ ރާއްޖެއަކީ

    5
    2
    • ކަބިލި

      ދިވެހިންނަށް ދިވެހިންގެ ގާނޫނުހިގާނީ ބޭރުމީހުންނަކަށް ނިހިގާނެ އެމީހުން ރާބޮއެގެން މަގުމަތީ ތެޅުނަސް އެއީ މައްސަލައެތްނޫން ދިވެއްސެއް ވިއްޔާ ހައްޔަރުކުރާނެ ބޭރުމީހެއްވެއްޖެއްޔާ ދިރިއުޅޭގެއަށް ލީމަނިމުނީ

      2
      3
    • ފައި

      ބުރޯ އެއާރޕޯޓުގަ މާރާމާރީ ހިންގި ގޮލާ ދޫކޮށްލުން ކަޑަ، އެކަމަކު މީނަ އުޅުނީ ވަޅިއެއް ހިފައިގެންނޭ. އެވަރު ގެޓުވެބަލަ.

      6
      0