ދިވެހި ފުލުހުންނާއި އިމިގްރޭޝަނުގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލުތައް ކުރަމުންދާތީ، އެކަމަށް ސަމާލުވެ، އެފަދަ ކޯލުތައް ނުނެގުމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އެގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވީޑިއޯ ކޯލު މެދުވެރިކޮށް އެގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށް ވެސް ބުންޏެވެ.

އެގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

އެހެންކަމުން އެގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންނަށް ނުގުޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    މަށަކީ މަގޭފޯނުގަ ރަޖިސްޓްރީ ނުވާ ނަންބަރުން ފޯނު ނަގާ މީހެއްނޫން! ގުޅަން ބޭނުންވާ މީހަކު އެއީ ކާކުކަން އިގޭނޭ ގޮތައް މެސެޖް ކޮށްލަންޖެހޭނީ! އޭރުން ދިރާގު ނަންބަރެއް ނަމަ އީޑައިރެކްޓަރީން ޗެކް ކޮއްލާނަން ފުރަތަމަ! މިކަން މިގޮތައް ކުރުމުން ބޭކާރު ކޯލައް ޖަވާބް ދިނުމުން ވަގުތު ސަލާމަތް ކުރެވޭނެ! އަދި މީހާ ލޭމައްޗައް ނުގޮސް ހުރެވޭނެ!