މި އަހަރުގެ ހޮޓެލް އޭޝިއާ 2024 އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

މިއަހަރުގެ އިވެންޓްގެ އެގްޒިބިޝަން ހަރަކާތް އޮންނާނީ މި މަހުގެ 13 އިން ފެށިގެން 15 އަށް ދަރުބާރުގެ އަދި އުސްފަސްގަނޑުގައެވެ. އަދި މި އިވެންޓްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 12 އިން 15 އަށް ދަރުބާރުގެ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ.

ދިރާގުން ބުނީ، މިއަހަރުގެ އެގްޒިބިޝަންގައި ރާއްޖެ އަދި ރާއްޖެއިން ބޭރުން 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެ، އެފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލާނެ ކަމަށެވެ. އޭގެ އިތުރުން، އައު އުފެއްދުންތައް ލޯންޗުކުރުމާއި ދައްކާލުން އަދި އެކި ވޯކްޝޮޕް ހަރަކާތްތައްވެސް އެގްޒިބިޝަންގެ ތެރެއިން ވަކި އިވެންޓްތަކުގެ ގޮތުގައި ކުރިއަށްދާނެ ކަމަށެވެ.

މިފަހަރުގެ ކަލިނަރީ މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ޖަޖިންގ ޕެނަލަކާއެކު 25 ކެޓަގަރީއަކުން 600 އަށް ވުރެ ގިނަ ދިވެހި އަދި ބައިނަލްއަގުވާމީ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި އެ އިވެންޓްގެ ސަބަބުން އެފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި އެކަކު އަނެކަކާ ބައްދަލުވެ، ނެޓްވަރކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ މިފަދަ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށް ކަމަށް ދިރާގުން ބުނެއެވެ.

ހޮޓެލް އޭޝިއާއަކީ ދިވެހިރާއްޖޭގައި އިންތިޒާމްކޮށްގެން ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޑް އެންޑް ހޮސްޕިޓާލިޓީ ޓްރޭޑް ޝޯއެވެ. އެގޮތުން މިއަހަރު ކުރިއަށްދާނީ ހޮޓެލް އޭޝިއާގެ 18 ވަނަ އެޑިޝަނެވެ.

ކިޔުންތެރިންގެ ހިޔާލު