ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދަން ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް 23 އޭޕްރީލް ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލްގައި އެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ.

މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވާ" ރައީސް އޮފީހުން ވިދާޅުވިއެވެ.

މިގޮތުން، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައް ވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ކުރުމަށް މިހާރު ވެސް މަސައްކަތްކުރައްވަމުންދާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ޞިއްޙީ އައު ޚިދުމަތްތައް މި ދެ ހޮސްޕިޓަލުގައި ތަޢާރަފް ކުރުމުގެ މަސައްކަތް ވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ދަނީ ކުރަމުންނެވެ.

މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދިންގެ ކަންކަމުގައި، ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭ ކުދީންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި އެމަނިކުފާނު ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީއިން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސްގެ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވިދާޅުވިއެވެ.