ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަޝްރުއޫއެއް ފަށައިފިއެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަޝްރޫއު ކުރިއަށް ގެންދަނީ ޤައުމީ ދިފާޢީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހެ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ ގުޅިގެންނެވެ. މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސިފައިން ހަރަކާތްތެރިވާ ކޮންމެ ދުވަހަކު ރައީސް އެ ކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހްމަދު އަލީފް

މާލޭގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ކުރިން ވެސް، ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ނައްތާލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާޢިމީ ޙައްލެއް ގެނައުމުގެ ކުރިން، ކުއްލި ހާލަތެއް ދިމާވުމުގެ ކުރިން އަޅާ ފިޔަވަޅެއް ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހްމަދު އަލީފް

ވަޒީރު ވިދާޅުވީ ވެސްޓްޕާކް ސަރަޙައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަޞީލަތްތައް ހަރުކުރާނެކަމަށެވެ. ކަނބާއައިސާރަނި ހިނގުމުގެ އިތުރުން އިތުރު ސަރަޙައްދުތަކުގައިވެސް ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންވާ ބޮޑެތި ޕަންޕުތައް ހޯދުމުގެ މަސައްކަތްތަކާއި އަމީނީމަގުގައި ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު ޢާދަމް ޝަރީފު އުމަރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި ސަރުކާރުން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފެށުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އަހްމަދު އަލީފް

އަދި ވިއްސާރަކޮށް ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ސަރުކާރުން އަޑުއަހައި، އެ ކަންކަމަށް ހައްލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. މި މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައުދީ

    ތިޔަ ފެން ބޮޑުވާ މައްސަލައެއްް ހައްލުކުރަން މަސައްކަތްކުރާތާ މިހާރު ވީދުވަހެއް ނޭނގެ،
    މުސްކުޅި މިވާ ތިޔަވާހަކަ އަޑުއަހާއަހާ، ދުވަހަކު ހައްލެއްނައި.