އިއްޒުއްދީން ފާލަން ތަރައްޤީ ކުރުމުގެ މަޝްރޫއަށް 11.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށް ވަނީ ބަންދުކޮށްފައެވެ. އެމްޓީސީސީން ވަނީ އެ ސަރަހައްދުގެ ވަށައިގެން ފިލާ ޖަހައި ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ވަށައިގެން ޖަހައިފައި ހުރި ފިލާގައި އިން ޕޯސްޓަރެއްގައިވާ ގޮތުގައި އެމްޓީސީސީން އެ މަސައްކަތް ކުރަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.

އަދި ފާލަމަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް ވެސް ވަނީ ހިމަނާފައެވެ. ކުރެހުމުން ފެންނަ ގޮތުން ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުންނަ ހުދު ކުލައިގެ ސަތަރިތައް ނަގައި ފުރާޅެއް ލާނެއެވެ.

ރަސްމީ ފާލަން މަރާމާތު ކުރުން—ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އިއްޒުއްދީން ފާލަން ތަރައްގީކޮށްފައިވަނީ 2015 އަހަރުއެވެ.

އިއްޒުއްދީން ފާލަން އާންމުކޮށް ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށާއި ބޭރުގެ އިއްޒަތްތެރިން ވަޑައިގަންނަވާ ދުވަސްތަކުގައެވެ.

މީގެ ކުރިން ވެސް އެތަން ވީރާނާވަމުންދާތީ އެމްޓިސީސީން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މަރާމާތަށް ފަހު އަލުން ފާލަން ހުޅުވާނެ ދުވަހެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު