މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހު އުފާތަކުން މަހުރޫމްވެފައިވާ ފަލަސްތީނު ކުދިންގެ ހަނދާން ހަނދާންތައް ރައީސް، ޑރ. މުހައްމަދު މުއިއްޒު އާ ކުރައްވައިފިއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވަނ ީކުޑަކުދީންގެ ދުވަހުގެ ހެޔޮ ދުޢާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށް، އަދި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، ޢާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ރެޔާދުވާލު ހޭދަކުރައްވާ ޚިދުމަތްތެެރީންނަށް ހިތުގެ އިޚްލާޞްތެރި ލޯތްބާއި ކުލުނާއެކު އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، މިއަދު ހިތާމަވެރި އަސަރުކުރުވާކަމެއް ވެސް އެބައޮތް ކަމަށެވެ.

އެއީ، ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އިސްރާއީލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެ ވެސް ދަރީން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވާށިއެވެ. އާމީން." ރައީސް ވިދާޅުވިއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިރުބަވެރި އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.